އާ ގާނޫނުލް އުގޫބާތާ ގުޅޭ މައުލޫމާތުތައް ހިމެނޭވެބްސައިޓަކާއި ފޯން އެޕްލިކޭޝަނެއް މިއަދު ލޯންޗްކޮށްފިއެވެ.

"ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތާ ގުޅޭ ގޮތުން ބާއްވާ އިސްވެރިންގެ މަހާސިންތާ،" ފެށުމުގެ ގޮތުން މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ވެބްސައިޓާއި ފޯނު އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު އެވެ.

އަލަށް އެކުލަވާލި ގާނޫނުލް އުގޫބާތަކީ ބަލާލަން ފަސޭހަ އަދި އުނގެނެން ފަސޭހަ ގާނޫނު އަސާސީއެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ. އެގޮތުން އެ ގާނޫނުލް އުގޫބާތުގައި ދެއަކުރުން ފެށޭ ނަންބަރެއްނަމަ އެއީ އާންމުބައި ކަމަށާއި ތިން އަކުރުން ފެށޭ ނަންބަރެއް ނަމަ އެއީ ހާއްސަބައި ކަމަށާއި އަދި ހަތަރު އަކުރުން ފެށޭ ނަންބަރެއްނަމަ އެއީ އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ ބެހޭބައި ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެ އެވެ.

"އެހެންވީމަ ފޮތުގެ ކޮންމެތާކުން ހުޅުވާލިކަމުގައި ވީނަމަވެސް އެ މާއްދާ ބައްލަވައިލެއްވީމަ އެ އުޅެވެނީ ކޮންތަނެއްގެ ކޮން ވާހަކައެއްގައި ކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ،" އޭޖީ އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ކުށުގެ ކޮންމެ އާއިލާއަކަށް ވަކި ނަންބަރެއް ދެވިފައި އޮންނާތީ ހަމަ އެކަނި ނަންބަރު ކިޔާލުމުން އެއާގުޅޭ މައުލޫމާތު އެނގޭގޮތަކަށް ތަރުތީބުކުރެވިފައި ވުމުން އެއީ ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކަމާގުޅޭ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހާއްސަކޮށް ތައާރަފުކޮށްފައިވާ ޕްރޮސިކިއުޝަން ގައިޑްލައިނެއް ވެސް ނެރެފައެވެ. އެ ގައިޑްލައިން ނެރެދެއްވީ ވެސް ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު އެވެ.