11 Apr 2015, 14:43
ސެމްސަންގެ އެންމެ ފަހުގެ ފޯނު ކަމަށްވާ ގެލެކްސީ އެސް ސިކްސް އަދި އެސް ސިކްސް އެޖް ޕްރީ އޯޑަރު ކުރި ފަރާތްތަކަށް ހައިކް މޯބައިލްސް އިން ފޯނު ހަވާލު ކޮށްފިއެވެ.
ސެމްސަން ޝޯރޫމްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ހައިކް މޯބައިލްސް އިން އެންމެ ފުރަތަމަ އެ ފޯނު ޕްރީ އޯޑަރު ކުރި ތިން ފަރާތައް ވަނީ ވަޔަލެސް ޗާޖަރަކާއެކު ފޯނު ހަވާލުކޮށްފައެވެ.
އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން، އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، ދުނިޔޭގެ ބާޒާރަށް އެ ފޯނު ނެރުމާއެކު ރާއްޖޭގައިވެސް އެ ނެރުމަކީ ފާހަގަކޮށްލަންޖެހޭ ކަމެއްކަމަށާއި މުސްތަގުބަލުގައި މިފަދަކަންކަން ކާމިޔާބުކުރުމުގައި ސަރުކާރުން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ.

ސެމްސަން ކުންފުނީގެ އެންމެ ފަހުގެ ދެ އުފެއްދުން ރޭގައި ގްލޯބަލީ ލޯންޗުކޮށްފައިވާއިރު ހައިކް އާ ގުޅިގެން މުއާސަލާތީ ކުންފުނި ދިރާގުން ވަނީ ރޭ އެ ފޯނުތައް ވިއްކަން ފަށާފައެވެ.
ގެލެކްސީ އެންމެ ފަހުގެ ދެ ފޯނު ދުނިޔޭގެ ބާޒާރަށް ނެރުމާ އެކު ދިރާގުންވެސް ވަނީ ރާއްޖޭގެ ބާޒާރަށް ފޯނު ނެރެފައެވެ. ދިރާގުން ބުނީ "ގެލެކްސީ އެސް6" 13،030 ރުފިޔާ ލިބޭނެ ކަމަށާއި "ގެލެކްސީ އެސް6 އެޖް" 15،375 ރުފިޔާއަށް އެކުންފުނިން ލިބެން ހުންނާނެ ކަމަށެވެ.
އެ ފޯނުތަކަށް ޕްރީ އޯޑަރުކުރުމަށް ދިރާގުން ހުޅުވާލި ފުރުސަތުގައި ޕްރީއޯޑާކޮށް، އެޑްވާންސް ފައިސާ ދެއްކި ކަސްޓަމަރުންނަށް ރޭ ވަނީ ފޯނު ދޫކޮށްފައެވެ. ޕްރީއޯޑާ ކުރުމަށް ހުޅުވާލި ފުރުސަތުގައި 1000 އަށްވުރެ ގިނަ މީހުން އެކަމަށް އެދި ހުށަހެޅިކަމަށް ދިރާގުން ބުންޏެވެ.
ދިރާގަކީ ސެމްސަންގު ގެލެކްސީ އެސް6 ސީރީޒްގެ ފޯނުތައް ބޭނުންކުރުމަށް 'އޮފިޝަލް ކެރިއާ'ގެ ގޮތުގައި ސެމްސަންގުން އެންޑޯސްކޮށްފައިވާ ނެޓްވާކެވެ. އަދި ސެމްސަންގެ ނޭޝަނަލް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ހައިކް މޯލްޑިވްސް އެވެ.