11 Apr 2015, 13:04
މިހާރު ދިވެހިރާއްޖޭގައި އަމަލުކުރެވެމުން އަންނަ ގާނޫނުލް އުގޫބާތަކީ އޭގައި ގިނަ މައްސަލަތަކެއް އެކުލެވިގެންވާ ގާނޫނުލް އުގޫބާތެއް ކަމަށާއި އެއަށް ބިރެއްނެތި އަލްވަދާއުކިޔަން ޖެހޭކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
"ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތާ ގުޅޭ ގޮތުން ބާއްވާ އިސްވެރިންގެ މަހާސިންތާ" ފެށުމުގެ ގޮތުން މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ މިހާރު އަމަލުކުރެވެމުން އަންނަ ގާނޫނުލް އުގޫބާތަކީ 1960 ގެ އަހަރުތަކުގައި އެކުލަވާލެވުނު ގާނޫނެއް ކަމަށާއި އޭގައި މިއަދުގެ މުޖުތަމައާ އެކަށީގެން ނުވާ އެތައް ކަމެއް އެބަހުރި ކަމަށެވެ.
"ކުރީގެ ގާނޫނު އަސާސީއަކީ މިޒަމާނާ އެންމެ ގުޅޭ ގާނޫނު އަސާސީއެއް ކަމަކަށް ގަބޫލެއް ނުކުރަން. އޭގަ ހުރި އަދަބުތަކަކީ މިއަދުގެ މުޖުތަމައަށް އެންމެ އެކަށީގެންވާ އަދަބުތަކެއް ނޫން ކަމަށް ގަބޫލުކުރާ މީހުން މަދެއް ނުވާނެ. ބައެއް އަދަބުތަކަކީ އެ ކުށަކާ އެންމެ އެކަށޭނަ އަދަބުތަކަށްވުރެ ބޮޑު އަދަބުތަކަކަށް ވާއިރު އަނެއްބައި އަދަބުތަކަކީ އެ ކުށަކަށް އެންމެ އެކަށީގެންވާ ވަރަށް ވުރެ ކުޑަ އަދަބެއް،" އޭޖީ އަނިލް ވިދާޅުވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމް ފުރިހަމަކުރުމަށްޓަކައި އެންމެ ފުރަތަމަ ބަދަލުކުރަން ޖެހޭ އެއްޗަކީ ގާނޫނުލް އުގޫބާތު ކަމަށާއި މިއަދު އަމަލުކުރަމުން އަންނަނީ މިއަދުގެ ދުސްތޫރީ ނިޒާމަށް ފެތޭނެ ގާނޫނުލް އުގޫބާތެއް ނޫންކަމަށް އަނިލް ވިދާޅުވި އެވެ.
މިހާރު މިއޮތް ގާނޫނުލް އުގޫބާތަށް އަލްވަދާއުކިޔަން ޖެހޭ ކަމަށް އޭޖީ އަނިލް ވިދާޅުވެފައިވާއިރު، އާ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ތިން މަސް ދުވަހަށް ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.