ގުދުރަތީ ވެއްޓަށް ބަދަލު ނުގެނެސް ފަޅުރަށްތައް ބެލެހެއްޓުން ނުވަތަ ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 10 އަހަރު ދުވަސް ކަމަށް ކަނޑައަޅައި ފަޅުރަށްތަކާ ބެހޭ ގަވާއިދު ގެޒެޓުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކުރި މި ގަވާއިދުގައި ބުނެފައި ވަނީ ވަރުވާއަށް ރަށެއް ދޫކުރެވޭނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅާފައިވާ ފަޅުރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ހަވާލުގައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތައް ކަމަށެވެ.

ފަޅުރަށްތަކާ ބެހޭ ގަވާއިދުގައި ބުނަނީ ފަޅުރަށެއް ކުއްޔަށް ހިފާއިރު އެރަށުގައި ކުރަން ހުށަހަޅާ މަސައްކަތަކީ އެއިރެއްގައި ރާއްޖޭގައި އާންމުކޮށް ނެތް ބާވަތެއް ނުވަތަ ޓެކްނޮލޮޖީއެއް ރާއްޖޭގައި އާންމުކުރުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުމެއް ކަމުގައިވާން ޖެހޭނެ ކަމަށެވެ. ނުވަތަ އެ ހުށަހަޅާ މަސައްކަތުގެ ފުރަތަމަ ފަސް އަހަރު ދުވަހުގެ އިންވެސްޓްމަންޓަކީ ދިހަ މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.

މީގެ 17 އަހަރު ކުރިން ހަދާފައިވާ ފަޅުރަށްތަކާ ބެހޭ ގާނޫނުގެ ދަށުން އަލުން ހަދާފައިވާ ގަވާއިދުގައި ބުނެފައި ވަނީ ފަޅުރަށެއް ކުއްޔަށް ހިފާ ފަރާތުން އެރަށެއްގައި ހާއްސަކޮށް ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލަން ޖެހޭނެ ކަމަށެވެ.

"ކުއްޔަށް ދޫކުރާ ފަޅުރަށާއިއެކު ރަށުގެ ބައެއްގެ ގޮތުގައި ފަޅުރަށުގެ ވަށައިގެންވާ ފަޅުގެ 700 މީޓަރުގެ ސަރަހައްދު އާންމު ބޭނުންތަކަށް ފަޅުރަށް ކުއްޔަށް ހިފާ ފަރާތަށް ދޫކުރެވޭނެ އެވެ. ނަމަވެސް އެއް ރަށަށް ވުރެއް ގިނަ ރަށް ހިމެނޭ ފަޅެއް ނަމަ ފަޅުރަށުގެ އިން ވަކި ކުރާނީ ދެރަށް ދެމެދު ހަމަހަމައަށް ބަހާލައިގެން ނެވެ. އަދި ފަޅު ރަށާއެކު ރަށުގެ ބައެއްގެ ގޮތުގައި ދޫކުރާ ފަޅުގެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރާ ނަމަ އެ މަސައްކަތެއް ކުރާ ސަރަހައްދަށް ކުލި ނެގޭނެއެވެ." ފަޅުރަށްތަކާ ބެހޭ ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގައި ބުނަނީ ފަޅުރަށެއްގައި ކޮށްފައިވާ އިންވެސްޓުމަންޓު ވިއްކާލާނަމަ އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ފަޅުރަށުގެ އިންވެސްޓުމަންޓު ވިިއްކާލާ އަގުގެ ނުވަތަ އެއް އަހަރު ދުވަހުގެ ކުލީގެ 10 އިންސައްތަ އިންވެސްޓުމަންޓު ވިއްކާލާ ފަރާތުން ދައުލަތަށް ދައްކަންޖެހޭނެ ކަމަށެވެ.