11 Apr 2015, 10:15
ޔުނައިޓެޑް ނޭޝަންސް ( ޔޫއެން)ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް( ޔޫއެންޑީޕީ)ގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓާ ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް، ހައޮލިއާންޒޫ އިއްޔެ ރާއްޖެއަށް ވަޑައިންފިއެވެ.
އޭނާ ރާއްޖެއަށް އިއްޔެ ވަޑައިގެންނެވީ ތިންދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ކަމަށް ޔޫއެން އިން ބުންޏެވެ. ޒޫގެ ދަތުރުފުޅުގައި ރާއްޖޭގެ އިސް ބައެއް އޮފިޝަލުންނާ ބައްދަލުކުރައްވާނެއެވެ. ޔޫއެންޑީޕީއާއި ރާއްޖޭގެ އެޓާނީ ޖެނެރަލްގެ އޮފީހުން ބާއްވާ ގާނޫނުލް އުގޫބާތު ކޮންފަރެންސަށް އޭނާ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އޭނާ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްވެސް ކުރައްވާނެއެވެ.
ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ ދާއިމީ މަންދޫބު ޝޯކޯ ނޯޑާ ވިދާޅުވީ ޒޫ ރާއްޖެއަށް ދަތުރުފުޅެއް މި ކުރައްވަނީ ވަރަށް މުހިއްމު ވަގުތެއްގައި ކަމަށެވެ. އެގޮތުން މިވަގުތަކީ ދިވެހި ސަރުކާރާއި ޔޫއެންއިން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލައި ރާއްޖޭގެ ތަރައްގީއަށް އެހީވުމުގެ ޕްލޭންގެ މަސައްކަތް މިހާރު ހިނގަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"... ރާއްޖޭގެ ރައްޔިތުންނަށް، ދެމެހެއްޓެނިވި އަދި އެންމެން ބައިވެރިވާ ތަރައްގީ ހާސިލު ކޮށްދިނުމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާ އެކު މަސައްކަތް ކުރަން ޔޫއެންޑީޕީ އޮތީ ތައްޔާރަށް ކަން އަޅުގަނޑު އަނެއްކާވެސް ފާހަގަ ކުރަން،" ނޯޑާ ވިދާޅުވެފައި ވެއެވެ.