ވިއްކަން ބަހައްޓާފައި ހުއްޓާ މާލޭ ރޯމަސް މާރުކޭޓުން ނެގުނު ކުނިފައިވާ މަސް ޓެސްޓްކޮށް، ސިއްހީ ގޮތުން މާރުކެޓް ރަނގަޅު ކުރުމަށް ފެންނަ ކަންކަން އެކުލަވައިލުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެފްޑީއޭ) އިން ފަށައިފި އެވެ.

އެފްޑީއޭގެ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު މިއަދު ވިދާޅުވީ ކުނިވެފައިވާ ރޯ މަހާއި ގިނަ ދުވަސްވެ ތަޣައްޔަރުވެފައިވާ މަސް ރޯމަސް މާރުކޭޓްގައި ވިއްކާ ކަމުގެ ގިނަ އަދަދެއްގެ ޝަކުވާ ލިބެމުންދާތީ މީހެ ދެހަފުތާ ކުރިން ރޯމަސް މާރުކޭޓް އިންސްޕެކްޓް ކުރިއިރު ފެނުނު ކުނިވެފައިވާ މަސްތައް ލެބޯޓަރީގައި މައިކްރޯބަޔޮލޮޖީ ޓެސްޓްކުރަމުން އަންނަ ކަމަށެވެ.

"ޓެސްޓްތަކުގެ ނަތީޖާ ލިބުމުން އެކަމާމެދު އަޅާނެ ފިޔަވަޅެއް އަޅުގަނޑުމެނަށް ނިންމޭނީ. ހަމައެއާއެކު ސިއްހީ ގޮތުން އެކަށީގެންވާ ތަނަކަށް މާރުކޭޓް ހެދުމަށާއި ތާޒާ މަސް ވިއްކާ ތަނެއްގެ ގޮތުގައި މެއިންޓައިން ކުރެވޭ ތަނެއް ގޮތުގައި ބޭއްވުމަށް އަޅުގަނޑުމެނަށް ފެންނަ ކަންތައްތަކެއް އެކުވަައިލުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" ޝާޖިދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާރުކޭޓް އިންސްޕެކްޓް ކުރުމުގެ މަސައްކަތް އަބަދުވެސް އެފްޑީއޭއިން ކުރާ ކަމަށާއި މިފަހަރު އާންމު ސަމާލު ކަމަށް މިކަން ގެނައީ އެންމެ ފަހުގެ އިންސެޕްކެޝަންގެ ތެރޭގައި ކުނިވެފައިވާ މަސް ފެނުނުމުން ކަމަށެވެ.

މިދިއަ ހަފުތާގައި އެފްޑީއޭގެ ބުނެފައި ވަނީ ކުނިވެފައިވާ މަހާއި ގިނަ ދުވަސްވީ މަސް ވިއްކަމުން ދިއުމުގެ ސަބަބުން އާންމު ސިއްހަތަށް ގެއްލުން ހުރި އަދި ނުރައްކާތެރި ބައްޔެއް ފެތުރި އާންމުވުން ވެސް އެކަށީގެންވާ ކަމަށެވެ.