11 Apr 2015, 10:10
ޕެނަމާ (އެޕްރީލް 11): އެމެރިކާގެ އަވަށްޓެރި ލެޓިން އެމެރިކާގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ ބާރާއި ނުފޫޒު ހިންގި ދުވަސްވަރު މާޒީ ވެގެން ހިނގައްޖެ ކަމަށާއި ދެން "އެކުޅިވަރު" އެމެރިކާ ނުކުޅޭނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.
އެމެރިކަން ކޮންޓިނެންޓްގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުން ޕެނަމާގައި ފެށުމުގެ ކުޑަތަންކޮޅެއްކުރިން ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ، ލެޓިން އެމެރިކާގެ ގައުމުތަކުގެ މިނިވަންކަމަށް އަރައިގަނެ އެގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވެދެފައިވާ ކަމަށާއި އެއީ ދެރަކަމެއް ކަމުގައެވެ. ނަމަވެސް ކުރިޔަށްއޮތްތަނުގައި އެމެރިކާގެ އަމަލުތައް މިހާ ހަރުކަށިނުވާނެ ކަމަށް އޮބާމާ ވިދާޅުވިއެވެެ.
ލެޓިން އެމެރިކާގެ ގައުމުތަކުގެ މިނިވަންކަމަށް އަރައިގަނެ އެގައުމުތައް އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށަށް ގެނައުމަށް މާޒީގައި އެމެރިކާ ހިންގާފައިވާ ހަރުކަށި އަދި ޑިމޮކްރަސީ އާ ޚިލާފު އަމަލުތަކުގެ ތެރޭގައި ލެޓިން އެމެރިކާގެ ގައުމުތަކުގެ ޑިމޮކްރެޓިކް ސަރުކާރުތައް އަސްކަރީ އިންގިލާބުތައް ގެނެސްގެން ވައްޓާލައި އަސްކަރީ ޑިކްޓޭޓަރުން އެމެރިކާގެ ޕަޕެޓުންގެ ގޮތުގައި ބައިތިއްބައިގެން އެގައުމުތަކުގެ ގުދްރަތީ މުއްސަނދިކަން ފޭރިގަތުމުގެ އިސްތިއުމާރީ ޖަރީމާތައް ހިމެނެއެވެ.
ޗިލީގެ ކުރީގެ ޑިކްޓޭޓަރު ޕިނޮޝޭފަދަ އެތަށް ހާސްބައެއްގެ މަރުގެ ޒިންމާ އުފުލަންޖެހޭ ހަނގުރާމައިގެ މުޖްރިމުންގެ ފަހަތުގައި އޮތް ގައުމަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ދުނިޔެއަށް ޕްރޮޕަގެންޑާކުރަމުން ގެންދިޔަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ. މީގެއިތުރުން ކޮލަންބިޔާފަދަ ގައުމުތަކުގެ މާފިޔާ ޖަމާއަތްތަކަށްވެސް ނުސީދާ ގޮތެއްގައި ވާގިވެރިވެފައިވާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވިފައިވެއެވެ.
އެމެރިކާގެ ސިޔާސަތުތައް މިހާތަނަށް ހުރީ ލެޓިން އެމެރިކާގެ ގައުމުތަކަކީ އެމެރިކާގެ އަޅުވެތި ކަމުގައި އުޅެންޖެހޭފަދަ އިސްތިއުމާރީ ފަލްސަފާއެއްގައެވެ. ނަމަވެސް އެމެރިކާގެ މި އަމަލުތަކުގެ ސަބަބުން އެމެރިކާއާ ދުޝްމަންވުމުގެ ވަރުގަދަ ރޫޙެއް ލެޓިން އެމެރިކާގެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އުފެދި އެމެރިކާއާއި އިދިކޮޅު ސަރުކާރުތައް އެގައުމުތަކުގައި އުފެދުމުން މިފަހަކަށް އައިސް އެމެރިކާއަށްވަނީ މި އިސްތިއްމާރީ ދައުރު އަދާކުރުމަށް ނުކުޅެދިފައެވެ.
ލެޓިން އެމެރިކާގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ ބާރާއި ނުފޫޒު ހިންގި ދުވަސްވަރު މާޒީ ވެގެން ހިނގައްޖެ ކަމަށް ވިދާޅުވެ އޮބާމާ އަށް ވާހަކަ ދައްކަން ޖެހިވަޑައިގަތީ އެމެރިކާއަށް އެފުރުސަތު ގެއްލިގެން ދިޔުމާއެކު ދެން އެދައުރު އަދާކުރެވެން ނެތުމުން ކަމަށް މުރާސިލުން ބުނެއެވެ. މިއާއެކު އެމެރިކާވަނީ ކިޔުބާއާމެދު ގެންގުޅުނު ހަރުކަށި ސިޔާސަތުވެސް ބަދަލުކޮށް އެގައުމާ ގުޅުންތައް ބޭއްވުމަށް ނިންމާފައެވެ. އަދި ވެނެޒުއެލާއާވެސް ގާތްގުޅުންތައް ބޭއްވުމަށް އެމެރިކާ މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ބޮލީވިޔާއާވެސް އިޙްތިރާމް ކުރުމުގެ ސިޔާސަތެއް ގެންގުޅެން އެމެރިކާ ވަނީ ފަށާފައެވެ.
އަނެއްކޮޅުން ބްރެޒަލްފަދަ ބޮޑެތި ބިޔަ އިގްތިސާދުތައް ލެޓިން އެމެރިކާކޮންޓިނެންޓުން ފާޅުވުމަކީވެސް އެމެރިކާއަށް ލެޓިން އެމެރިކާއަށް ނުފޫޒު ހިންގުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ އެމެރިކާގެ ހަރުކަށި ސިޔާސަތުތައް ނާކާމިޔާބުވެގެން ދިޔަ ކަމެކެވެ.
ޕެނަމާގައި އިއްޔެ ފެށިފައިވަނީ އެމެރިކާގެ ގައުމުތަކުގެ 7 ވަނަ ސަމިޓެވެ. (ނޫސްއެޖެންސީތައް)