11 Apr 2015, 09:27
އައްޑޫ ސިޓީގެ ފޭދޫ ބޮޑު މަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކު ވަރަށްބޮޑަށް ޒަހަމްވެ އޭގެތެރެއިން އެކަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ، ރޭ ގެ އެކްސިޑެންޓުގައި ސައިކަލްދުއްވަން ތިބި ދެ މީހަކު ޒަހަމްވެފައިވާއިރު އޭގެ ތެރެއިން 22 އަހަރުގެ ފިރިހެނެއް ރޭ މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވެފައިިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން ދަނިކޮށެވެ.
އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު ހަށިގަނޑުގެ އެހެން ހިސާބުތައްވެސް ޒަހަމްވެފައިވާ ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.
ރޭ ގެ އެކްސިޑެންޓްގައި ޒަހަމްވި 20 އަހަރުގެ ޒުވާނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރުވެސް ފަރުވާ ދެމުންދާއިރު އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ ފޭދޫ ބޮޑު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެމަގުން ދުއްވާފައި ދިޔަ ކާރެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ސައިކަލް ކަހާލައިގެން ގޮސް ފާރެއްގައި ޖެހިގެނެވެ.
މިދިޔަ ހަފްތާގެ ތެރޭގައިވެސް އައްޑޫގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން އައްޑޫ ސިޓީގެ ހުރިހާ މަގެއްގައި ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުމަށް މަޖުބޫރު ކުރުމަށް އެސިޓީގެ ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.