11 Apr 2015, 09:50
މެންޗެސްޓާ ޔުނައިޓެޑަށް ލޯން އެއްބަސްވުމެއްގެ ދަށުން މިހާރު ކުޅެމުން އަންނަ ކޮލަމްބިއާ ފޯވާޑް ރަޑަމެލް ފަލްކާއޯގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފާތީ ޔުނައިޓެޑްގެ ކޯޗް ލުއިސް ވެން ހާލްއަށް އާޖެންޓީނާގެ ކުރީގެ ތަރި ޑިއެގޯ މަރަޑޯނާ ފާޑު ކިޔައިފިއެވެ.
'ޕްރޯ ޕީސް މެޗް'ގައި ބައިވެރި ވުމުގެ ކުރިން ކޮލަމްބިއާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މަރަަޑޯނާ ވަނީ ވެން ހާލް "ޑެވިލް" އަކާ އެއްގޮތް ކޮށްފައެވެ. އަދި މިދިޔަ ވޯލްޑް ކަޕްގައި އިންޖަރީ ނުވެ ފަލްކާއޯ ކޮލަމްބިއާ ގައުމީ ޓީމަށް ކުުޅުނު ނަމަ ކޮލަމްބިއާ ދުނިޔޭގެ ތަށި އުފުލާލުން އެކަށީގެން ވާކަމަށްވެސް މަރަޑޯނާ ވަނީ ބުނެފައެވެ.
"ވެން ހާލް އަކީ ރަނގަޅު މީހެއް ނޫން. އެންމެ ރީއްޗަށް ބުނަންޏާވެސް ބުނެވޭނީ އޭނާއަކީ ޑެވިލް އެކޭ. މިދިޔަ ވޯލްޑް ކަޕް ދިޔައީ ވަރަށް ފުރިހަމަކޮށް. އެ މުބާރާތުގައި ކޮލަމްބިއާ ކުޅުނު މެޗުތަކުގައި ޖޭމްސް ރޮޑްރިގޭޒް ފަދަ ކުޅުންތެރިންނަށް ބޯޅަ ލިބުމުން ބެލުންތެރިންނަށް ބައެއް ފަހަރު ތިމަންނައީ ކޮލަމްބިއާ މީހެކޭ ހިތައް އަރާފަހަރުވެސް ދޭ. އެ މުބާރާތުގެ ފަހު ވަގުތާ ޖެހެންދެން ފަލްކާއޯ އެ ޓީމަށް ކުޅުނު ނަމަ. ކޮލަމްބިއާ އެ ފަހަރުގެ ތަށި އުފުލައިލީސް،" މެރެޑޯނާ ބުންޏެވެ.
އެއް އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަން ފެށުނުތާ ކުރީކޮޅު ފަލްކާއޯ ޔުނައިޓެޑަށް ބަދަލުވިއިރު، އޭނާ މިހާތަނަށް ކުޅެފައި ވަނީ އެންމެ 12 ލީގު މެޗުގައެވެ. އަދި އޭނާގެ ކޮންޓްރެކްޓް އާ ކުރާނެ ކަމުގެ ޔަގީންކަން މިހާރު ގެއްލިފައި ވާއިރު، މަރަޑޯނާ ބުނީ މައްސަލައަކީ ފަލްކާއޯ ނޫން ކަމަށާއި، މައްސަލައަކީ ވެން ހާލް ކަމަށެވެ.
"ފަލްކާއޯއަށް ދިމާވި އިންޖަރީގެ ސަބަބުން އޭނާ ވަނީ ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ. ފްރާންސްގެ މޮނާކޯއިން އިންގްލެންޑަށް ބަދަލުވުން ފަލްކާއޯއަށް އެހާ ފަސޭހައެއް ނުވާނެ. އޭނާ އިނގިރޭސި ފުޓްބޯޅައަށް ހޭނެން އަދި ދުވަސް ބޭނުންވޭ،" މަރަޑޯނާ ބުންޏެވެ.
ޔުނައިޓެޑަށް ބަދަލުވި ފަހުން ފަލްކާއޯއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، މިދިޔަ މަހުގެ ފަހުކޮޅު ކޮލަމްބިއާ ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރި ކަމުގެ ދެ މެޗުގައި އޭނާ ވަނީ ތިން ލަނޑު ކާމިޔާބު ކޮށްފައެވެ.
ފަލްކާއޯގެ އިތުރުން މަރަޑޯނާ ވަނީ މިހާރު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ޖޭމްސް ރޮޑްރިގޭޒް އަށްވެސް ތައުރީފު ކޮށްފައެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ރަން މުބާރާތުގެ ރަން ބޫޓު ހާސިލްކޮށް، ރެއާލްއަށް ކުޅެން ފެށިފަހުން ރޮޑްރިގޭޒް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
"ޖޭމްސް އަކީ ވާތުފައިން ކުޅޭ ކުޅުންތެރިއެއް،" މެރެޑޯނާ ބުންޏެވެ. "އަދި އެފަދަ ގިނަ ކުޅުންތެރިން ފަދައިން، އޭނާ އަކީ ވަރަށްފުރިހަމަ ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެއް."