11 Apr 2015, 10:20
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް ކަމަށްވާ މައިލޯ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް އެ މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރި އެސްޓީއޯއާއި އެލައިޑް ދަތުރު ކޮށްފިއެވެ.
އެސްޓީއޯ އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި ފެނަކައާ ދެކޮޅަށް ވާދަކޮށް 1-0 ގެ ހަނި ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ހަމައެކަނި ލަނޑު އެސްޓީއޯއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އިސްމާއިލް އެވެ.
މިދިޔަ އަހަރު އެސްޓީއޯ އެ މުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި ޕޮލިސް ކްލަބާ ވާދަކޮށް، 4-2ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެނެވެ. އަދި މިދިޔަ އަހަރު 14 ލަނޑާއެކު މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމް ހޯދި އެމްއާރްޑީސީ ޓީމުގެ އިސްމާއިލް އީސާ (މެސީ) މިފަހަރުވެސް އަދި މިހާތަނަށް ވަނީ 11 ގޯލާއެކު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.
މި އަހަރުގެ މުބާރާތުގައި ފައިނަލުގެ ފަހު ޖާގަ ހޯދި އެލައިޑް މިއީ އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަަތަމަ ފަހަރެވެ. އެ ޓީމް ފައިނަލުން ޖާގަ ހޯދީ މީގެ ކުރިން އެ މުބާރާތުގެ ޗެންޕިއަންކަން ހޯދި އެމްއޭސީއެލް ބަލިކުރުމަށް ފަހު އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމްވެސް 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައި ވުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެލައިޑް މެޗު ކާމިޔާބު ކުރީ ޕެނަލްޓީއަށް ފަހު 5-6 ގެ ނަތީޖާއަކުންނެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 30/18 ވިމެންސް ފުޓްސެލް ފިއެސްޓާގެ ސެމީފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރާއި ރޭގަނޑު އެވެ. ހަވީރު ކުޅޭ މެޗުގައި ކްލަބް އިމިގްރޭޝަނާއި އެސްޓީއޯ ބައްދަލުކުރަން ހަމަޖެހިފައި ވާއިރު، ރޭގަނޑު ކުޅޭ ދެވަނަ ސެމީގައި ބައްދަލުކުރާނީ މިދިޔަ އަހަރު އެ މުބާރާތް ކާމިޔާބު ކުރި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މި މަހުގެ 18 ވާ ހޮނިހިރު ދުވަހު އެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިން ކުރިއަށް ގެންދާ ކްލަބް މޯލްޑިވްސް ކަޕްގައި މިފަހަރު ވަނީ ފިރެހެން 36 ޓީމާއި އަންހެން 12 ޓީމު ވާދަކޮށްފައެވެ.