11 Apr 2015, 09:22
ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ޏ. ފުވައްމުލަކު ދޫނޑިގަމު އަވަށުގައި ގާއިމްކުރި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.
ދޫނޑިގަމު ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ ރޭ އެ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ.
އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން، ދޫނޑިގަމު ކައުންސިލްގެ އިސް ބޭފުޅުންނާއި، ޏ. އަތޮޅު ކައުންސިލްގެ އިސް ބޭފުޅުންނާއި، އެމްއާރްޑީސީ އަދި ސަރުކާރު ހިމެނޭ އެމްޑީއޭ ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ބައިވެރި ވެފައެވެ.
ދޫނޑިގަމު ފުޓްސެލް ދަނޑުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޖުނައިދު
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ޕްރޮޖެކްޓުގެ ދަށުން، ދޫނޑިގަމު އަވަށުގައި ގާއިމް ކުރެވިގެން ދާނީ ފުޓްސެލް ދަނޑު އެކަނި ނޫން ކަމަށެވެ. އަދި ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ސަރުކާރުން ގާއިމްކުރަން ނިންމާފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އާއި، ރަސްމީ ފުޓްބޯޅަ ދަނޑެއް ގާއިމްކުރުމުގެ މަސައްކަތްވެސް ޔޫތު މިނިސްޓަރީން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު މި ދާއިރާގެ ޒުވާނުންނަށް މިއަދު ދޭން ބޭނުންވާ ޔަގީންކަމަކީ، މި ސަރަހައްދު ފުރިހަމަ ސްޕޯޓްސް އެރީނާއެއްގެ ގޮތުގައި އަޅުގަނޑުމެން ގާއިމް ކުރާނެ ކަމުގެ ޔަގީންކަން. މިހާރު މިވަނީ ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްސެލް ދަނޑެއް މި އަވަށުގައި ގާއިމް ކުރެވިފައި. އޭގެ އިތުރުން ރަސްމީ ފުޓްބޯޅަ ދަނޑެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ޔޫތު މިނިސްޓްރީން ވަރަށް ބާރު ސްޕީޑުގައި އެބަ ކުރިއަށް ގެންދަން. ހަމައެއާއެކު، މި ދަނޑާ އިންވެގެން ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ގާއިމްކުރާ އިންޑޯރ ކޮމްޕްލެކްސް ގާއިމްކުރުމުގެ ބިޑުވެސް އަންނަ ހަފްތާގައި ހުޅުވާލެވޭނެ،" މިނިސްޓަރު މަލީހު ވިދާޅުވިއެވެ.
ދޫނޑިގަމު ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ރަށު ސްކޫލް ކުދިން މުނިފޫހި ފިލުވުމުގެ އައިޓަމެއް ހުށަހަޅައިދެނީ --- ސަން ފޮޓޯ/ އަހުމަދު ޖުނައިދު
އޭގެ އިތުރުން، ސްޕޯޓްސް އެރީނާ ޕްރޮޖެކްޓު އެހާ ފުރިހަމަކޮށް ކުރިއަށް ދަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ ޕްރޮޖެކްޓުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުން އަންނާތީކަން ފާހަގަކޮށް، މިނިސްޓަރު ވަނީ ދޫނޑިގަމު އަވަށުގެ ރައްޔިތުންގެ ނަމުގައި ރައީސް ޔާމީނަށް ޝުކުރު ދަންނަވާފައެވެ.
މިނިސްޓަރުގެ އިތުރުން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދޫނޑިގަމު ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު ވަނީ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ޔޫތު މިނިސްޓްރީން ކުރަމުން ގެންދާ ބުރަ މަސައްކަތަށް ޔޫތު މިނިސްޓަރު މަލީހަށް ޝުކުރު ދަންނަވާފައެވެ. އަދި އެ އަވަށުގައި ރަސްމީ ފުޓްބޯޅަ ދަނޑެއް ގާއިމް ކޮށްދެއްވާނެ ކަމުގެ އުންމީދު ފާޅު ކުރައްވަމުން، ކައުންސިލަރު ވަނީ މިނިސްޓްރީން އެ އަވަށުގެ ތަރައްގީއަށް ކުރައްވާ މަސައްކަތަށް ދޫނޑިގަމު ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ފުޓްސެލް ދަނޑު ހުޅުވުމަށް ފަހު ޔޫތު މިނިސްޓްރީ އާއި ދޫނޑިގަމު ޒުވާނުން ބައްދަލުކުރި މެޗުގައި، މިނިސްޓަރު މަލީހު ލަނޑެއް ޖަހަނީ --- ސަން ފޮޓޯ/ އަހުމަދު ޖުނައިދު
ރޭގެ ރަސްމިއޔާތުގައި ދޫނޑިގަމު ފުޓްސެލް ދަނޑުގެ މަސައްކަތް ކުރި އެމްއާރްޑިސީން މަސައްކަތް ނިންމުމަށްފަހު ޔޫތު މިނިސްޓްރީއާ ދަނޑު ހަވާލުކޮށްފައި ވާއިރު، ޔޫތު މިނިސްޓްރީގެ ފަރާތުން ވަނީ ދަނޑު ރަސްމީކޮށް ދޫނޑިގަމު ކައުންސިލާ ހަވާލު ކޮށްފައެވެ. އަދި އެ ރަސްމިއްޔާތުގައި އެ ދަނޑު ގާއިމްކުރަން އެހީތެރިވެދިން ދޫނޑިގަމު ކައުންސިލް އިދާރާއަށާއި، ޏ. އަތޮޅު ކައުންސިލް އިދާރާގެ އިތުރުން، އެމްއާރްޑީސީ އަދި ފެނަކަ ކޯޕަރޭޝަނަށް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ.
ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށްފަހު ޔޫތު މިނިސްޓްރީން ހޮވާލެވުނު ޓީމަކާއި، ދޫނޑިގަމު ޒުވާނުންގެ ޓީމެއް ވަނީ ދަނޑު ހުޅުވުމުގެ ގޮތުން ފުޓްސެލް މެޗެއް ކުޅެފައެވެ. އެ މެޗު 9-8 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޔޫތު މިނިސްޓްރީގެ ޓީމެވެ. އެ މެޗުގައި މިނިސްޓަރު މަލީހު ވެސް ވަނީ ޔޫތު މިނިސްޓްރީގެ ޓީމަށް ކުޅެފައެވެ.