10 Apr 2015, 21:52
ސެމްސަންގު ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން "ސެމްސަންގު ގެލެކްސީ އެސް 6" އާއި "ސެމްސަންގު ގެލެކްސީ އެސް 6 އެޖް" ދިރާގުން ރާއްޖޭގައި މިރޭ ވިއްކަން ފަށައިފި އެވެ.
ދިރާގުން އެ ފޯނުތައް ރާއްޖޭގެ ބާޒާރަށް ނެރުނީ ދުނިޔޭގެ ބާޒާރަށް އެ އުފެއްދުން ނެރުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. ދިރާގުން ބުނީ "ގެލެކްސީ އެސް6" 13،030 ރުފިޔާ ލިބޭނެ ކަމަށާއި "ޖެލެކްސީ އެސް6 އެޖް" 15،375 ރުފިޔާއަށް ވިއްކަމުންދާ ކަމަށެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ސެމްސަންގުން އެ ފޯނުތައް ވިއްކަމުންގެންދާ އަގުތަކެވެ.
"ގެލެކްސީ އެސް 6" އަދި "ގެލެކްސީ އެސް 6 އެޖް" ރާއްޖެއަށް ތައާރަފްކޮށް، ވިއްކަން ފެށީ ދިރާގުގެ ހެޑް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ސެމްސަންގު ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ފޯނުތަކަށް ޕްރީ އޯޑާކުރުމަށް ދިރާގުން ހުޅުވާލި ފުރުސަތުގައި ޕްރީއޯޑާކޮށް، އެޑްވާންސް ފައިސާ ދެއްކި ކަސްޓަމަރުންނަށް މިރޭ ވަނީ ފޯނު ދޫކޮށްފަ އެވެ. ޕްރީއޯޑާ ކުރުމަށް ހުޅުވާލި ފުރުސަތުގައި 1000 އަށްވުރެ ގިނަ މީހުން އެކަމަށް އެދި ހުށަހެޅި އެވެ.

ސެމްސަންގުގެ ފަހުގެ ދެ ފޯނު ރާއްޖޭގައި ތައާރަފް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ދިރާގަކީ ސެމްސަންގު ގެލެކްސީ އެސް6 ސީރީޒްގެ ފޯނުތައް ބޭނުންކުރުމަށް 'އޮފިޝަލް ކެރިއާ'ގެ ގޮތުގައި ސެމްސަންގުން އެންޑޯސްކޮށްފައިވާ ނެޓްވާކެވެ. އަދި ސެމްސަންގެ ނޭޝަނަލް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ހައިކް މޯލްޑިވްސް އެވެ.
ސެމްސަންގުގެ ފަހުގެ ދެ ފޯނު ރާއްޖޭގައި ތައާރަފް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން