ރާއްޖެއިން ބޭރުން ގެންނަ ކާބޯތަކެތި ޕޯޓުން އެތެރެކުރާއިރު އެކަށީގެންވާ ގޮތަށް ބެލެހެއްޓެވިފައި ނެތުމުގެ ސަބަބުން ގެއްލުންތައް ކުރިމަތިވާ ކަމަށާއި އެފަދަ ތަކެތި އެތެރެކުރުމުގައާއި އަދި ބޭނުންކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި އިއްޔެ ބޭއްވި "މައުލޫމާތު ދިނުމުގެ ހާއްސަ ހަވީރު"ގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ރަޝީދު ވިދާޅުވީ އެފަދަ ތަކެތި ވިއްކާއިރު ވިޔަފާރިވެރިން ރައްކާތެރިވާން ޖެހޭއިރު އެތަކެތި ގަންނަ އިރު އާންމުންވެސް ސަމާލުވާން ޖެހޭ ކަމަށެވެ.

"ގިނަ އަދަދެއްގެ ތަކެއްޗަކީ އަޅުގަނޑުމެން ރާއްޖެއިން ބޭރުން ގެންނަ އެއްޗެހި. އެހެންކަމުން އެއާ ގުޅިގެން އެ ތަކެތި ގެނެސް ޕޯޓުން ބޭރުކޮށް ބެހެއްޓޭ ބެހެއްޓުމުގައިވެސް އެކަށީގެންވާ ގޮތުގައި އެ ރައްކާތެރި ކަމާއެކު ބަލަހައްޓާފައި ނުވުމުގެ ސަބަބުން ގެއްލުންތަކެއްވޭ. އެ ހުރިހާ ކަމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާޅުވާން ޖެހޭ ކަންތައް. ހާއްސަކޮށް ވިޔަފާރިވެރީން އެތަކެތި ވިއްކާއިރު. އަދި އަޅުގަނޑުމެން ވިޔަފާރިކޮށްގެން އެތަކެތި ގަންނަ މީހުން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ތަކެތި އެތެރެ ކުރާއިރު ރާއްޖޭގައި ވެސް ގިނަ އަދަދަކަށް އެތަކެތި ހައްދާ ކަމަށެވެ. އެތަކެއްޗަށް އޮންނަ ޑިމާންޑު ބޮޑުވެ ބައެއްފަހަރު ކެމިކަލްތައް ބޭނުން ކުރަން ޖެހޭ ހާލަތުގައި، އެ ބޭނުން ކުރަން ވަކި ރޭޓެއް ކަނޑައަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަ ކުދިންނަށް ހާއްސަކޮށްގެން އިއްޔެ ކުރިއަށް ގެންދިޔަ ހަވީރުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކެއް ހިމަނާފައިވާއިރު އިމާދުއްދީން ސްކޫލުން ވަނީ ރަނގަޅު ކާނާއާ ބެހޭ ގޮތުން ހާއްސަ އައިޓަމެއް ހުށަހަޅާފައެވެ.

ޖުމްލަ 12 ސްޓޯލް ހިމެނޭ ގޮތައް މައުލޫމާތު ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވާއިރު ކާބޯތަކެތި ރައްކާތެރި ކުރުމާއި އަދި އެހެނިހެން ގޮތްގޮތުން ރައްކާތެރި ގޮތުގައި ކާނާ ބޭނުން ކުރުމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީފައި ވެއެވެ.

މިއަހަރުގެ ސިއްހަތުގެ ދުވަހުގެ ޝިއާރަކީ "ދަނޑުބިންތަކުން ނާސްތާއަށް، ކާބޯތަކެއްޗަކީ ރައްކާތެރި ތަކެތި ކަމުގައި ހަދަމާ" އެވެ.