10 Apr 2015, 18:23
އައްޑޫ ސިޓީގައި ގެވެށި އަނިޔާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހެއްގެ ގައިގާ އަލިފާން ރޯވި މައްސަލަ ތަހުގީގު ކުރަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ގުޅިގެން ކަމަށް އެއްވެސް އިރެއްގައި ފުލުހުން ބުނެފައި ނުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަލް މިއަދު 'ސަން' އަށް ވިދާޅުވީ ފުލުހުންނާއި އެޗުއާރުސީއެމާ ގުޅިގެން ބަންދުގައި ހުރި މީހާގެ ގައިގައި ރޯވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް ފުލުހުން އަދި އެޗުއާރުސީ އެމުންވެސް އެމައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައިވާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"އެއްވެސް އިރެއްގައި އަޅުގަނޑުމެން ނުބުނަން އެ މައްސަލަ ތަހުގީގު ކުރަނީ އެޗްއާރްސީއެމް އާ ގުޅިގެން ކަމަށް. އަޅުގަނޑުމެން ބުނެފައި އޮންނާނީ ފުލުހުން ވެސް އަދި އެޗްއާރްސީއެމް އިން ވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް،" މީޑިއާ އއޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން މިހެން ބުނެފައި ހައްޔަރުކޮށްފައިވާ މީހާގެ ގައިގައި ރޯވި މައްސަލަ ތަހުގީގު ކުރަނީ އެޗްއާރްސީއެމްއާ ގުޅިގެން ކަމަށް ފުލުހުން ބުނިކަމަށް ބުނެ، އެޗްއާރްސީއެމް އިން މީޑިއާތަަކަށް މައުލޫމާތުދީފައި ވަނިކޮށެވެ.