22 Feb 2011, 14:03
އދ. މަހިބަދޫގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ "ޓެލެނެޓްގެ" ކޮންޓްރޯލް ރޫމުގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި މުޅި ތަން އެއްކޮށް އަނދާހުލިވެ، މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވެއްޖެ އެވެ.
ވިޔަފާރި އުސޫލުން މަހިބަދޫގައި ކޭބަލް ނެޓްގެ ޚިދުމަތް ދެމުންދާ ޓެލެނެޓްގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު ޖަވީޒު ވިދާޅުވީ، އޭނާ ދިރިއުޅެމުންދާ ޖަންބުމާގޭގައި ހަދައިފައި ހުރި އެ އިމާރާތުގައި ރޭ 4:30 އެހާކަންހާއިރު އަލިފާން ރޯވެ ހިނގި އެ ހާދިސާގައި، އެތަނުގައި ހުރި ހުރިހާ ސާމާނާއި މުޅި އިމާރާތް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ގުދަނުގައި ހުރި އިތުރު މުދާތައް ވެސް ވަނީ ހަލާކުވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަވީޒު ވިދާޅުވި ގޮތުގައި، އެތަން ހުރީ އިންޝުއާނުކޮށެވެ. އަދި ލިބުނު ގެއްލުން އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިމާރާތްވެސް، ގޯޑައުންގައި ހުރި މުދާވެސް، އެއްކޮށް ހަލާކުވެއްޖެ. އިކުއިޕްމަންޓާ ގޯޑައުންގައި ހުރި މުދާ އެކަނި ބެލިޔަސް އެއީ އެއް މިލިއަން ރުފިޔާ. އިމާރާތް ވެސް އެއްކޮށް ހަލާކުވީ. އެހެންވެ އެއާ ލައިގެން އެއް މިލިއަނަށް ވުރެ ބޮޑުވާނެ ގެއްލުން،" ޖަވީޒު ވިދާޅުވި އެވެ.
ކޮންޓްރޯލް ރޫމުގައި ރޯވާން މެދުވެރިވީ އެތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަނުވުމުން ކަމަށް ގަބޫލުކުރައްވަން ދަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ސެކިއުރިޓީގެ ގޮތުން ބަލާއިރު ވަރަށް ވަރުގަދަވާނެ. ފަޔާ އެލާމް ސިސްޓަމާއި ހައި ސެކިއުރިޓީ ސިސްޓަމް ގާއިމްކޮށްފައި ހުންނާނީ،" ޖަވީޒު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މީގެ ކުރިންވެސް ޓެލެނެޓްގެ ބައެއް މުދަތަލަށް ބައެއް މީހުން އެކިވަރުގެ ގެއްލުން ދީފައިވާ ކަމަށެވެ.
"މިއީ ފުރަތަމަ ފަހަރެއް ނޫން ގެއްލުމެއް ލިބުނު. ކުރިންވެސް އެބަހުރި އަޅުގަނޑުމެންގެ ޑިސްޓްރިބިއުޝަން ބޮކްސްތަކާ އެއްޗެހި ހަލާކުކޮށްލައިފައި. އަޅުގަނޑު ނުދަންނަވާނަން މިފަހަރު އަލިފާނުގެ ހާދިސާއަކީ ބަޔަކު ކުރި ކަމެކޭ. އެކަމަކު އެބަހުރި ސާބިތުވާވަރަށް ހެކި މީގެ ކުރިން ގަސްތުގައި އެއްޗެއްސަށް ގެއްލުންދީފައިވާކަން،" ޖަވީޒު ވިދާޅުވި އެވެ.
އަމިއްލައަށް އިންވެސްޓްކޮށްގެން 2003 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ޖަވީޒު ކުރަމުންދިޔަ ކޭބަލް ނެޓްގެ ޚިދުމަތުގެ ވިޔާފަރި ރޭގެ ހާދިސާއާ ގުޅިގެން މިހާރު ވަނީ އެއްކޮށް ހުއްޓިފަ އެވެ. އޭނާ ވިދާޅުވީ، އޭގެ ސަބަބުން ދިރިއުޅުމަށް ބޮޑު "އަސަރެއް" ކޮށްފި ކަމަށާއި އެއީ އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތަށް ދިމާވި ވަރަށް ބޮޑު ބުރުލެއް ކަމަށެވެ.
"ވަރަށް ބޮޑު ބުރުލެއް އަރައިފި މިކަމުގެ ސަބަބުން. ދެން އަލުން ކޭބަލް ނެޓްގެ ވިޔަފާރި ފެށުމާ ގުޅޭ ގޮތުން ވިސްނައިފައި ގޮތެއް ނިންމާނީ. މިހާރު އަޅުގަނޑު ބޭނުންވަނީ ގޯތި ތެރޭ އަނދައިފަ ހުރި ތަން ހުރީމަ ދަރިންނަށް ފެންނާތީ އެތަން ޑިމޮލިޝްކުރަން. ފުލުހުން ތަހުގީގުކޮށް ނިމުނީމަ އެކަން ފަށާނަން." ޖަވީޒު 35، ވިދާޅުވި އެވެ.
މަހިބަދޫގައި ހަމައެކަނި ކޭބަލް ނެޓްގެ ޚިދުމަތްދެމުންދިޔަ ޓެލެނެޓްގެ ކޮންޓްރޯލް އަލިފާން ރޯވި ހާދިސާ ފުލުހުން ދަނީ މިހާރު ތަހުގީގުކުރަމުންނެވެ. ރޭ ފަތިހު ރޯވި އެ އަލިފާންގަނޑު ނިއްވާލެވުނީ ފުލުހުންނާއި އާއްމުން ކުރި މަސައްކަތުން މިއަދު ހެނދުނު ހައެއް ޖަހާއެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.