10 Apr 2015, 17:35
ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކާ ޚިލާފަށް ގޮވާ ގޮވުންތަކަށް ބާއްވާ މަޝްވަރާއެއްގައި ރައީސުލްޖުމްހޫރިއްޔާ "އިށީންނަވާނެ ގޮނޑިއެއް ނުހުންނާނެ" ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
"ސަން" އާ ވާހަކަފުޅުދައްކަވަމުން މުއާޒު މިއަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގޮވަމުން ދަނީ ގާނޫނު އަސާސީއާ ޚިލާފު ކަންކަން ރައީސުލްޖުމްހޫރިއްޔާ ކުރުމަށް ކަމަށެވެ. އެހެންކަމުން މަޝްވަރާގެ މޭޒަށް އައިސްފައިވެސް އިދިކޮޅު ފަރާތްތަކުގެ ޑިމާންޑަކަށް ނުވަތަ އެފަރާތްތަކުން ދައްކަވާނީ ގާނޫނު އަސާސީއާ ޚިލާފު ކަންކަން ކުރުމަށް ކަމަށާއި އެފަދަ މަޝްވަރާއެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައެއް ނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ވެސް ހުދު ދާދި ފަހުން ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައިވާނެ ގާނޫނު އަސާސީއާ ޚިލާފު ކަންކަން ކުރުމަށް ތިމަންނާ ގާތު ނުދަންނަވާށޭ. އިދިކޮޅު ފަރާތްތަކުން ތާއަބަދުމެ ކަހަލަ ގޮތަކަށް ގޮވަމުން ދަނީ ގާނޫނު އަސާސީއާ ޚިލާފު ކަންކަން. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ގާނޫނު އަސާސީއާ ޚިލާފު ސައްލާއެއްގައި ރައީސް ޔާމީން އިށީންދެވަޑައެއް ނުގަންނަވާނެ،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަ ސަރުކާރަށް އަޑުއިވެމުންދާ ކަމަށާއި އެފަރާތްތަކުން ގޮވަމުންދާ ގާނޫނު އަސާސީއާ ޚިލާފު ކަންކަމަށް ވުރެއް ރައްޔިތުންގެ ތަރައްގީއަށް ނުވަތަ ގައުމުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުން ރައީސުލްޖުމްހޫރިއްޔާ އަށް މާ މުހިއްމު ވާނެ ކަމަށެވެ.
"މި ސަރުކާރުން އަނިޔާވެރިވާނަމަ ކޯޓުތަކާ ތަންތަން އެހެރީ. އެހެންނަމަވެސް ތިބޭފުޅުން ދަންނަވާ ބައްލަވާ ހަމަ އެއްވެސް ކަމެއް ގާނޫނު އަސާސީއާ ޚިލާފަށް ކުރާ ކަމެއް ނުވަތަ އަނިޔާވެރިކަމެއް ކޯޓުތަކަށް ހުށަހެޅުއްވިތޯ. ކޯޓުތަކަށް ގެންދެވިތޯ. ނޫން. ނުގެންދަވާ. ހުށައެއް ނާޅުއްވާ. ދެން ވިދާޅުވަނީ ރައީސް ޔާމީންގެ މުށު ތެރޭގައޭ ކޯޓުތައް ވެސް ހުރީ. އެހެން ވިދާޅުވާއިރު މި ސަރުކާރުން އެބައޮތްތޯ ސަރުކާރުގެ އިސް ބޭފުޅެއްގެ ވެސް އަދި ވަޒީރެއްގެ މައްސަލަ ކަމުގައި ވިއަސް އަތްބާނައިގެން އެ މައްސަލައެއް ހުއްޓުވާ އެ މައްސަލައެއް އަނބުރާ ގެންގޮސްފައި. ނޫން ނެތް،" މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ ގައުމު ފަސާދަ ކުރަން ނޫޅުމަށް އިދިކޮޅު ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގައުމު ތަރައްގީ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށާއި އެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ޝެއިހް އިމްރާން: މޭ މަހުގެ އެއްވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ފަރާތްތަކުގެ އަޑު އިއްވާނެ ކަމަށާއި، އެދުވަހު ސުލްހައިގެ މޭޒަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް އިމްރާން ވިދާޅުވި--- ސަން ފޮޓޯ/ އަލީ ނަސީރު
މުއާޒު މިހެން ވިދާޅުވީ އަންނަ މޭ މަހުގެ އެއްވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ފަރާތްތަކުގެ އަޑު އިއްވާނެ ކަމަށާއި، އެދުވަހު ސުލްހައިގެ މޭޒަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ރޭ ވިދާޅުވެފައި ވަނިކޮށެވެ.