ވިޔަފާރިތަކުގެ މިދިޔަ މަހުގެ ކަރަންޓު ބިލު މިމަހުގެ ނިޔަލަށް ދައްކައިފި ނަމަ އެއްވެސް ޖޫރިމަނާ އެއް ނުނަގަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.

ފެންކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލު މިއަދު 'ސަން' އަށް ވިދާޅުވީ މިދިޔަ މަހުގެ ކަރަންޓު ބިލުން ޖޫރިމަނާ ފައިސާ ނުނަގާ ގޮތަށް ނިންމީ ކުއްލިއަކަށް ބޮޑުއަދަދެއް ދައްކަން ޖެހުމުން ވިޔަފާރިވެރިންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިލާން ޖެހިދާނެތީ، ވިޔަފާރިވެރިންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

"މިމަހުގެ ނިޔަލަށް ކަރަންޓު ބިލު ޖޫރިމަނާ އަކާއި ނުލާ ދެއްކުމުގެ ފުރުސަތު އޮއްނާނެ ވިޔަފާރިތަކަށް،" ނިމާލު ވިދާޅުވި އެވެ.

ކަރަންޓް ސަބްސިޑީއަށް އައި ބަދަލާއެކު ވިޔަފާރި ކުރާ ފަރާތްތަކުގެ ކަރަންޓު ބިލަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލުމާ ގުޅިގެން ބިލް އެތައް ގުނައަކަށް ބޮޑުވެފައިވާތީ ކުޅުދުއްފުއްޓާއި އައްޑޫގެ އިތުރުން ގިނަ ރަށްރަށުގެ ވިޔަފާރިވެރިން ވަނީ އިހްތިޖާޖްކޮށްފައެވެ. އަދި ގިނަ ފިހާރަތަކެއް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރު ހުސައިން ހަމީޒު ވިދާޅުވީ މި ސަރުކާރުން ކަރަންޓް ބިލުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. މިހާރު ތަންފީޒު ކުރަމުންދާ އުސޫލަކީ ރައީސް ނަޝީދުގެ ސަރުކާރުން ކަނޑައެޅި އަގުތަކެއް ކަމަށާއި އޭރު ފާސްކޮށްފައިވާ އަގުތަކަށް ބިލުނުކޮށް އެކި ރަށްރަށުގައި ތަފާތު އަގުތަކުގައި ދެމުން ދިޔަ ސަބްސިޑީ މިހާރު ހަމަހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.