ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ބޭސް ފަރުވާ އަށް މިއަދު ސިންގަޕޫރަށް ފުރާ ވަޑައިގެންފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަަލަކު ވިދާޅުވީ އަނބިކަނބަލުންނާ އެކު ނާޒިމް ސިންގަޕޫރަށް ފުރާ ވަޑައިގަތީ މިއަދު މެންދުރު 12:50 ގެ ފްލައިޓުން ކަމަށެވެ.

ނާޒިމް ބޭސްފަރުވާއަށް ވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ދޫކުރި ހުއްދައެއްގެ ދަށުންނެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ.

އެ ހުކުމްގައި ވަނީ ނާޒިމް ނިދާކޮޓަރީގައި ހުރި ކަބަޑުތެރެއިން ފެނުނު ފިސްތޯލައަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ނާޒިމަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ހުކުމް އިއްވުމާއެކު ފުލުހުންގެ ބެލުމުގެ ދަށުން ކޯޓުން ނުކުންނަވަމުން ނާޒިމް "ހިތްވަރު ގަދަކުރައްވާ، ހައްގަށް އިންސާފު ލިބޭނެ" ކަމަށެވެ.