ސޯލް (އެޕްރީލް 10): އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރު ދެކުނު ކޮރެޔާއަށް ޒިޔާރަތް ކުރެއްވުމާއެކު އެގައުމުގެ އަވަށްޓެރި އުތުރު ކޮރެޔާއިން ދެ މިސައިލް ތަޖުރިބާ ކޮށްފިއެވެ.

ދެކުނު ކޮރެޔާގެ ޚާރިޖީ ވުޒާރާއިން ބުނީ އުތުރު ކޮރެޔާގެ މިއަމަލަކީ ބިރުދެއްކުމުގެ އަމަލެއްކަމުގައެވެ. ރިޕޯޓްތައް ބުނާގޮތުން އުތުރުކޮރެޔާ ތަޖުރިބާކުރީ އެގައުމުން އުފައްދާފައިވާ ކުރުރާސްތާގެ ދެ މިސައިލެވެ. މިދެ މިސައިލް ފޮނުވާލީ އުތުރު ކޮރެޔާގެ ހުޅަނގު އައްސޭރިފަށުގައިވާ އަސްކަރީ މަރުކަޒަކުން ރީދޫ ކަނޑަށް ކަމަށާ މިއީ އުުތުރު ކޮރެޔާއިން އެމެރިކާގެ ދިފާއީ ވަޒީރަށް ދިން އިންޒާރެއްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރު ދެކުނު ކޮރެޔާ އަށާއި ޖަޕާނަށް ފައްޓަވާފައިވާ ދަތުރުފުޅުގައި އެދެގައުމުގެ މަސްއޫލުވެރިންނާ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ އުތުރު ކޮރެޔާއާ ބެހޭގޮތުންނެވެ.

ޚާއްސަކޮށްް އުތުރު ކޮރެޔާއާ އިތުރަށް އެކަހެރިކޮށް އެގައުމަށް އިތުރަށް ފިއްތުންތައް ކުރިމަތި ކުރުމާބެހޭގޮތުން ދެކުނު ކޮރެޔާ އާއި ޖަޕާނުގެ މަސްއޫލުވެރިންނާ އެޝްޓަން ކާޓަރު މަޝްވަރާ ކުރައްވާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ބައިނަލްއަގްވާމީ މުޖްތަމައާ އެކަހެރި އުުތުރުކޮރެޔާއާ ދެކޮޅަށް މިހާރުވެސް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ އިތުރުން އދ. ން ވެސްވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. (ރޮއިޓާސް)