އަންކަރާ (އެޕްރީލް 10): މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ގެ ވެރިކަމުގެ ނިޒާމުގެ ގުޅުންތައް ރަނގަޅު ކުރެވޭނީ މިސްރުގެ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުރުސީ ޖަލުން މިނިވަންކޮށް އޭނާއަށް ތާއީދުކުރާ ސިޔާސީ ފަރާތްތަކާ ދެކޮޅަށް އިއްވާފައިވާ ހުކުމްތައް ބާތިލް ކުރުމުން ކަމަށް ތުރުކީގެެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އީރާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު ގައުމަށް އެނބުރި ވަޑައިގެންނެވި މަގުމަތީގައި މަތިންދާބޯޓުގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ ސީސީ ގެ ސަރުކާރަށް އިއުތިރާފްވެ އެސަރުކާރާ ގުޅުންތައް ރަނގަނޅު ކުރާނީ ޝަރުތުތަކެއްގެ މަތިން ކަމުގައެވެ. އޭގެތެރެއިން އެންމެ މުހިއްމު ޝަރުތަކީ މަގާމުން ދުރުކޮށްފައިވާ މިސްރުގެ ރައީސް މުހައްމަދު މުރުސީއާއި އޭނާއަށް ތާއީދުކުރާފަރާތްތައް މިނިވަންކުރުން ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

މީގެއިތުރުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރާއި ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމުގައި ސީސީގެ ސަރުކާރުން އިސްރާއީލަށް ދޭ އެހީތެރިކަން ނިމުމަކަށް ގެނެސް ޣައްޒާއާއި މިސްރުގެ ސަރަހައްދީ ރޮނގު ހުޅުވާލުމަކީވެސް ސީސީގެ ސަރުކާރާ ގުޅުންތައް ރަނގަނޅު ކުރުމުގެ ޝަރުތެއްކަމަށް އުރުދުޣާންވަނީ ވިދާޅުވި އެވެ.

އުރުދުޣާން މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ތުރުކީއާއި މިސްރުގެ ގޯސްވެފައިވާ ގުޅުންތައް ރަނގަނޅު ކުރުމަށް ސައޫދީ އަރަބިޔާ އިސްނަގައިގެން މަސައްކަތް ތަކެއް ކުރަމުން ގެންދާކަމުގެ ޚަބަރުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މެދުއިރުމަތީގައި އިތުރުވަމުންދާ އީރާނުގެ ނުފޫޒާ ކުރިމަތިލުމަށް ކަމަށްބުނެ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެންވަނީ ކޯލިޝަނެއް އެކުލަވާލާފައެވެ. ނަމަވެސް މިކޯލިޝަންގައި ހިމެނޭ މިސްރާއި ތުރުކީއަކީ ދެ ހަތުރުންނެވެ. މިހަތުރުވެރިކަން ކުޑަކުރުމަށްޓަކައި އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ފިކުރާ ދެކޮޅަށް ސައޫދީން ގެންގުޅޭ ހަރުކަށި ކަމާއި ދުޝްމަންކަން ކުޑަކުރުމުގެ ސިޔާސަތެއްވެސް ސައޫދީ ރަސްގެފާނު ގެންގުޅުއްވަން ފައްޓަވާފައިވާ ކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)