ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ތެރޭގައި އުފެދެމުން އައި ބޮޑެތި މައްސަލަތައް އިމިގްރޭޝަނުންގެ ތެރެއިން ދެން ނާންނާނެ ކަމަށް ކޮންޓްރޯލާ އޮފް އޮފް އިމިގްރޭޝަންގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދު، ވިދާޅުވެއްޖެ އެވެ.

މިއަދު އޮފީހަށް ނުކުމެ ވަޑައިގަތުމަށް ފަހު ސަންއަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ ކުރިން އޭނާ ހުންނެވީ ވެސް ބޮޑު އިދާރާއެއްގައި ކަމަށާއި އަލަށް ނުކުންނެވީ އެއަށް ވުރެ ބޮޑު އިދާރާއަކަށްވުމުން މިވަގުތު ހުންނެވީ އާ އިދާރާގެ މަސައްކަތާއި އޮނިގަނޑު ދަސްކުރެވުމުގެ ތެރޭގައި ކަމަށެވެ.

"އެކަމަކު އަޅުގަނޑު ޔަގީންކަން އަރުވަން އިމިގްރޭޝަންގެ ކަންކަން ދެންދާނީ ރަނގަޅަށް ކަމަށް. ހަމައެއްވެސް މައްސަލައެއް ދެން ނުނުކުންނާނެ،" ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑު ކަންކުުރާނީ ކަލެކްޓިވްކޮށް މަޝްވަރާކޮށްގެން އަޅުގަނޑުގެ ރައުޔަކަށް ކަންކަން ނިމިގެނެއް ނުދާނެ. އަޅުގަނޑު ދަންނަވާނީ ދެން ދާނީ ބަރާބަރަށޭ،"

ޝާހިދު ވިދާޅުވީ އިމިގްރޭޝަންގައި އޭނާއަށް ހުރި ގޮންޖެހުންތަކާއި ކުރައްވަން އިސްކަން ދޭނެ ކަންކަމުގެ މަގުޗާޓަކާބެހޭ ގޮތުން އާންމުންނަށް އެއްޗެއް ދަންނަވަން އަދި އަވަސް ކަމަށާއި އޭގެ ބަދަލުގައި މިވަގުތަށް އޮތީ "ތަން ދަސްކުރުމާއި ހައްލު ހޯދުން" ކަމަށެވެ.

"އަޅުގަނޑު މިހެން ދެންނެވިއަސް ގާނީ ގޮތުން މިތަނުގެ ހާލަތު އޮތީ ރަނގަޅަށް ނޫންކަން އެނގޭ، އެބައި އަމުދުން ނުވެސް ނެތީ. ބޮޑަށް މިދަނީ ގަވައިދުތަކެއްގެ މައްޗަށް، އެހެންނަމަވެސް އެކަންކަން ފުރިހަމަ ކުރުމަށް ހުރީ މަސައްކަތްތަކެއް ކުރެވި މަޖިލީހަށް ބިލެއްވެސް ފޮނުވާފައި،" ޝާހިދު ވދިާޅުވި އެވެ.

ނޭޝަނަލް ޑިޒާސްޓާ ސެންޓަރު ހިންގެވެމަށް ފަހު ކޮންޓްރޯލާގެ މަގާމަށް ވަޑައިގެންނެވި ސްޓޭޓް މިނިސްޓަރު ވިދާޅުވީ މަސައްކަތާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް މިވަގުތު ފޯރުކޮށް ދެވެން ނެތް ނަމަވެސް އިމިގްރޭޝަންގެ ތެރޭގައި އުފެދެމުން އައި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް މިހާރު ހިނގައިގެންފި ކަމަށެވެ.

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ޝާހިދު ވަޑައިގަތީ އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓާ ގުޅިގެން ފެންމަތިވެގެން އައި ބޮޑު އެތަކެއް މައްސަލަތަކާއެކު އިމިގްރޭޝަންގެ މުވަައްޒަފުން ދެބަޔަކަށް ބެހި ތަނުގެ ތެރޭގައި ބޮޑެތި މައްސަލަތައް އުފެދި ހިދުމަތަށް ވެސް ބުރޫއަރާ ހިސާބުގައި އޮއްވަ އެވެ.