10 Apr 2015, 13:43
އެމްޑީއޭ އިން އަބަދުވެސް މަސައްކަތް ކުރަނީ ތަރައްގީގެ ފަހަތުން ކަމަށާއި، އެހެން ކަމުން ގާނޫނު މުގުރާލަން ކުރާ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން "ގިނަވަނީ" ގެ ނަމުގައި ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާމިރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ތަރައްގީ ގެނެސް ދެއްވުމަށް މަސައްކަތް ކުރައްވަމުން އަންނައިރު، ކަންތައް ނުކުރެވޭ ކަމަށް ވިދާޅުވެ ގާނޫނު މުގުރާލަން ކުރާ މަސައްކަތަށް ޖާގަ ނުދޭނެ ކަމަށެވެ.
ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން "ގިނަވަނީ" ގެ ނަމުގައި ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަންފޮޓޯ -- އަލީ ނަސީރު
އާމިރު ވިދާޅުވީ ސަރުކާރުން ތަރައްގީއަށް ކުރާ މަސައްކަތް ހުއްޓުވަން އިދިކޮޅު ފަރާތްތަކުން ކުރާ އެއްވެސް މަސައްކަތެއް މިހާތަނަށް ކާމިޔާބުވެފައިނުވާ ކަމަށެވެ. އަދި ބާއްވަމުންދާ ކޮންމެ އިންތިޚާބެއްވެސް ސަރުކާރު ކޯލިޝަނުގެ ފަރާތުން ކާމިޔާބު ކުރަމުން ދާކަމީ އެކަމުގެ ހެއްކެއް ކަމަށް އާމިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިމަތިލާ ކޮންމެ އިންތިޅާބެއް ﷲ އިރާދަކުރެއްވިއްޔާ މި ޕާޓީ ކޯލިޝަނުގެ ފަރާތުން މިދަނީ ކާމިޔާބު ކުރަމުން. އަދި ކުރިއަށް އޮތްތާގައިވެސް ކާމިޔާބު ކުރާނަމޭ. ރައީސް މައުމޫނު ވިދާޅުވި ގޮތަށް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ދިއްގަރު ދާއިރާގެ ގޮނޑިވެސް ކާމިޔާބު ކުރާނަމޭ،" އާމިރު ވިދާޅުވި އެވެ.
ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން "ގިނަވަނީ" ގެ ނަމުގައި ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަންފޮޓޯ -- އަލީ ނަސީރު
ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ސިޔާސީ ހަރަކާތްތަށް ހިނގުމުގައި ސަރުކާރު ކޯލިޝަނުން ބޯލަނބާނެ ކަމަށް އާމިރު ވިދާޅުވި އެވެ. އަދި އެ އުސޫލުތަކާއި ޚިލާފަށް ސިޔާސީ ހަރަކާތް އެއްވެސް ބަޔަކަށް ހިންގިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އާމިރު ވިދާޅުވި އެވެ.