10 Apr 2015, 01:46
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެސޯސިއޭޝަން އޯޕަން ނައިން ބޯލް މުބާރާތުގެ ޗެންޕިއަންކަން އަހުސަން ހާޝިމް ހޯދައިފިއެވެ.
އެ މުބާރާތުގެ ޗެންޕިއަންކަން ހާޝިމް ހޯދީ މިރޭ އެމްޕީބީއޭ ކްލަބް ހައުސްގައި ބޭއްވި ފައިނަލް މެޗުގައި އަހުމަދު ޝަރީފް ހުސެއިންއާ ވާދަކޮށް، މެޗު ކާމިޔާބު ކޮށްގެނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗު ހާޝިމް ކާމިޔާބު ކުރީ 7-9 ފްރޭމުންނެވެ.
މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެންޕިއަނާއި ރަނަރަޕަށް ތައްޓާއި ފައިސާގެ އިންމާ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން، އެމްޕީބީއޭގެ ޗެއާމަން ހަސަން ޝަފްރާޒް އެވެ.
އެ މުބާރާތުގެ ޗެންޕިއަންކަން ހޯދި ހާޝިމަށް ފައިސާގެ އިނާމްގެ ގޮތުގައި 3000 ރުފިޔާ ދީފައި ވާއިރު، ރަނަރަޕްކަން ހޯދި ޝަރީފަށް ވަނީ ފައިސާގެ އިނާމްގެ ގޮތުގައި 1500 ރުފިޔާ ދީފައެވެ.
މި މަހުގެ އެކަކުން ނުވަޔަކަށް ކުރިއަށް ގެންދިޔަ އޯޕަން 9 ބޯލް ބިލިއާޑް މުބާރާތުގައި މުޅި ޖުމްލަ 37 ކުޅުންތެރިން ވާދަކޮށްފައި ވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުންތެރިން، 8 ގްރޫޕަކަށް ބަހާލައިގެންނެވެ. އެ މުބާރާތުގައި ވަނީ މުޅިއެކު 85 މެޗު ކުޅެފައެވެ.
އެސޯސިއޭޝަން އޯޕަން ނައިން ބޯލް މުބާރާތަށް ފަހު، އެމްޕީބީއޭއިން ވަނީ އަންނަ މަހުގެ ކުރީކޮޅު ގައުމީ ނައިން ބޯލް ބިލިއާޑް މުބާރާތް ފަށަން ތާވަލް ކޮށްފައެވެ. އެސޯސިއޭޝަން އޯޕަން ނައިން ބޯލް މުބާރާތް ރޭންކް ނުކުރާ ގޮތަށް ކުރިއަށް ގެންގޮސްފައި ވާއިރު، ގައުމީ ނައިން ބޯލް މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ރޭންކިން މުބާރާތެއްގެ ގޮތުގައެވެ.