އަންނަ މޭ މަހުގެ އެއްވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ފަރާތްތަކުގެ އަޑު އިއްވާނެ ކަމަށާއި، އެދުވަހު ސުލްހައިގެ މޭޒަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މި ނަމުގައި އިދިކޮޅު ޕާޓީތަށް ގުޅިގެން މާލޭގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިރޭ މާލޭ ސިޓީ ކައުންސިލް ގޯތިތެރޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ، ރައީސް ޔާމީނަށް އަޑު އިވިގެން އިދިކޮޅު ޕާޓީތަކާއެކު ސުލްހައިގެ މޭޒަށް އަރައި "ހިންގާ ހުރިހާ އަނިޔާތަށް ހުއްޓާލައިފިނަމަ" ސުލްހަވެރިގޮތުގައި ގެއަށް ވަންނާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ، ރައީސް ޔާމީނަށް އިދިކޮޅު ފަރާތްތަކުގެ އަޑު އިވިވަޑައި ނުގެންފި ނަމަ، މޭ މަހުގެ އެއްވަނަ ދުވަހު އެ އަޑު އިއްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެކެއް މޭގައި އަޑުއިއްވާނަން. އެދުވަހުން ޔާމީނަށް ޖެހޭނެ އަޅުގަނޑުމެންނާ ސުލްހައިގެ މޭޒަށް އަންނަން. ހުރިހާ ބޭފުޅުން ތައްޔާރުވެ ވަޑައިގަންނަވާ،" އިމްރާން ވިދާޅުވިއެވެ.

މިރެއިން ފެށިގެންވެސް އިތުރު ހަރަކާތްތައް ކުރިއަށް ގެންގޮސް އެކެއް މޭގައި ރައީސް ޔާމީނަށް އިދިކޮޅު ފަރާތްތަކުގެ އަޑު އިއްވުމަށް ފަހު، ސުލްހައިގެ މޭޒަށް އެމަނިކުފާނު ވަޑައިގަތުމުން ނޫނީ ގެއަށް ނުވަނުމަށް އިމްރާން މިރޭ ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފައެވެ.

އިމްރާން ވިދާޅުވީ، ރައީސް ޔާމީން މިހާރު މަސައްކަތް ކުރައްވަނީ އިދިކޮޅު ޕާޓީތައް، އެއް ޕާޓީ، އަނެއް ޕާޓީއާ ޖައްސައި، އިދިކޮޅު ޕާޓީތަކުގެ އިސްވެރިންގެ އަގު ވައްޓާލުމަށް ކަމަށާއި ނަމަވެސް އެކަން އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.