09 Apr 2015, 23:15
ރާއްޖޭގެ ކޮކަކޯލާ ކުންފުންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ގިނަ ބަޔަކަށް ބޮޑެތި އިނާމްތަކެއް ލިބޭ ގޮތައް ފެށި ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ތިން ނަސީބުވެރިން ހޮވައިފިއެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފެށި އެ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން ހޮވާފައިވަނީ މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ހަފްލާއެއްގައެވެ.
މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ވެސް ދެ ފަރާތަކަށް ޔަމަހާ ބްރޭންޑުގެ ސައިކަލަކާއި އެއް ފަރާތަކަށް ސިންގަޕޫރު ދަތުރެއް ލަކީ ޑްރޯއިން ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިރޭގެ ރަސްމިއްޔާތުގައި މޮޓޯ ސައިކަލު ލިބިފައިވަނީ 7921755 (UXB7FN) އަދި 7628696 (JHTGWZ) އަށެވެ. ސިންގަޕޫރު ދަތުރުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ 9966031 (2BR3DM) ނަމްބަރުގެ ވެރި ފަރާތެވެ.
އަންނަ ހަފްތާގައިވެސް ތިން ނަސީބުވެރިން ހޮވާނެ ކަމަށް ކޮކަކޯލާއިން ވަނީ ބުނެފައެވެ.
މިދިޔަ މަހު 31ގައި ފެށި އެ ޕްރޮމޯޝަނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ހުދު މަތިގަނޑުލީ ކޯކު ފުޅީގައި އިންނަ ހަ އަކުރުގެ ކޯޑު ފޮނުވުމާއެކު އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ. އެ ކޯޑު ފޮނުވާނީ 2626 އަށެވެ.
މޭ މަހުގެ 15ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ޕްރޮމޯޝަންގައި 12 ފަރާތަކަށް އިނާމުގެ ގޮތުގައި ޔަމަހާ ސައިކަލް ލިބޭނޭކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ދެ ވަނަ އިނާމެއްގެ ގޮތުގައި ހަ ނަސީބުވެރިއަކަށް އިތުރު ފަރާތެއް ގޮވައިގެން ސިންގަޕޫރުގެ ޔުނިވާސަލް ސްޓޫޑިއޯއަށް ދިޔުމުގެ ފުރުސަތު އޮތް ކަމަށް ވެސް ކޮކާކޯލާއިން ބުންޏެވެ. އެ ދަތުރުގެ ހުރިހާ ހަރަދެއް ކުރާނީ އެ ކުންފުނިން ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ކޮކަކޯލާ ކުންފުނީގެ ސިލްވާ ޖުބްލީ ފާހަގަ ކުރުމުގެ ގޮތުން ފެށި ޕްރޮމޯޝަންގައި ބައިވެރިވުމަށް ތައްޔާރު ކޮށްފައިވާ ކޯޑުތައް ކޯކުގެ 300 އެމްއެލް އާއި 500 އެމްއެލް އަދި ދެ ލީޓަރުގެ ފުޅިތަކުން ލިބޭނެ އެވެ.
ފްރޮމޯޝަންގައި ހުށަހަޅާފައިވާ ބޮޑެތި އިނާމުތަކުގެ އިތުރުން ކުދި އެތައް އިނާމުތަކެއް ވެސް ހުށަހެޅިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.