ދުނިޔޭގެ އެތައްބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކޮރެއާގެ ސެމްސަންގ ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު "ސެމްސަންގ ގެލެކްސީ އެސް 6" އާއި "ސެމްސަންގ ގެލެކްސީ އެސް6 އެޖް" މާދަމާ ދުނިޔޭގެ ބާޒާރަށް ރަސްމީކޮށް ވިއްކުމަށް ނެރޭނެ އެވެ.

މީގެކުރިން މޮބައިލް ފޯނެއް ބާޒާރަށް ނެރުނުނަމަވެސް ދިވެހިންނާ ހަމައަށް އެ ފޯނު ލިބެނީ ތަންކޮޅެއް ފަހުންނެވެ. އެހެން ނަމަވެސް ރާއްޖޭގެ މުއާސަލާތީ ކުންފުނި، ދިރާގުން ވަނީ އެ ފުރުސަތު މިފަހަރު ދިވެހިންނަށް ތަނަވަސްކޮށްދީފައެވެ. ދުނިޔޭގެ ބާޒާރަށް ސެމްސަން އެސް6 ސީރީސްގެ ފޯނުތައް މާދަމާ ރިލީޒް ކުރާއިރު، ސެމްސަން ކުންފުންޏާ ގުޅިގެން ރާއްޖޭގައި ވެސް މިފޯނުތައް ރިލީޒްކުރުމަށް ދިރާގުން ވަނީ ނިންމާފައެވެ.

ދިރާގަކީ ސެމްސަން ގެލެކްސީ އެސް6 ސީރީޒްގެ ފޯނުތައް ބޭނުންކުރުމަށް 'އޮފިޝަލް ކެރިއަރ'ގެ ގޮތުގައި ސެމްސަންގުން އެންޑޯސްކޮށްފައިވާ ނެޓްވާކެވެ. އަދި ސެމްސަންގެ ނޭޝަނަލް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ހައިކް މޯލްޑިވްސްއެވެ.

އެސް6 ސީރީޒްގެ ފޯނުތައް ރިލީޒްކުރުމަށް މާދަމާރޭ ދިރާގުގެ ހެޑް އޮފީހުގައި ހާއްސަ ހަފްލާއެެއް ބާއްވަން ނިންމާފައިވާ އިރު އެ ހަފްލާގައި ބައިވެރިވުމަށް ސެމްސަންގ ކުންފުނީގެ އިސްވެރިންވެސް ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.

އެހަފްލާއަކީ ތަފާތު ކަންތައްތަކެއް ފެނިގެންދާނެ ހަފްލާއެއް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލު ވިދާޅުވީ، މާދަމާރޭގެ ރަސްމީ ލޯންޗިންއަށްފަހު، މިދިޔަ މަހު 26ގައި ޕްރީ އޯޑާކުރުމަށް ހުޅުވާލި ފުރުސަތުގައި ޕްރީ އޯޑާއިން ހޮވިފައިވާ ކަސްޓަމަރުންގެ ތެރެއިން ދިރާގަށް އެޑްވާންސް ފައިސާ ދައްކާފައިވާ ކަސްޓަމަރުންނަށް ދިރާގު ހެޑް އޮފީހުން ފޯނުދޫކުރާނެ ކަމަށެވެ.

ފޯނު ހުރިމިންވަރަކުން މާދަމާރޭ ގަންނަންވެސް ލިބެންހުންނާނެ ކަމަށާއި ޕްރީއޯޑާ ކުރުމަށް ހުޅުވާލި ފުރުސަތަށް ގަތްގަނޑަކަށް 1000 އަށްވުރެ ގިނަ ކަސްޓަމަރުންގެ ސަޕޯޓް ލިބިފައިވާ ކަމަށް އިމްޖާދު ވިދާޅުވިއެވެ.

މާދަމާރޭގެ ހަފްލާ ނިމުމުން ދިރާގު ހެޑް އޮހީހުގައި ޤާއިމް ކުރެވިފައިވާ ހާއްސަ ކައުންޓަރުތަކުން ޕްރީއޯޑަރު ކޮށްފައިވާ ކަސްޓަމަރުންނަށް ފޯނު ދޫކުރެވޭނެއެވެ. އަދި އެއްފަހަރާ ފައިސާދައްކާފައިވާ ކަސްޓަމަރުންނަށް ފޯނުހަވާލުކުރުން ވެސް އޮންނާނެއެވެ.

މީގެ އިތުރުން އެ ދެ މޮޑެލްގެ ފޯނު 'އެކްސްޕީރިއަންސް' ކޮށްލުމުގެ ފުރުސަތު އާންމުންނަށް ހުޅުވައިލާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ޕްރީ އޯޑަރު ކުރާ ކަސްޓަމަރުންނަށް ދިރާގުން ސެމްސަންގާއި ގުޅިގެން ހަދިޔާއެއްގެ ގޮތުގައި ވަޔަރލެސް ޗާޖަރެއްގެ އިތުރުން ދެ އަހަރުގެ ވޮރެންޓީވެސް ދިނުމަށް ވަނީ ނިންމާފައެވެ. ދިރާގުން މިފޯނުތައް ކަސްޓަމަރުނާ ހަމައަށް ފޯރުކޮށްދެނީ ގާތްގަނޑަކަށް ދުނިޔޭގެ ބާޒާރުގައި ސެމްސަންގުން މިފޯނުތައް ވިއްކަމުންގެންދާ އަގުތަކުގައެވެ.

އެގޮތުން ގެލެކްސީ އެސް6 ޕްލެޓް 13،030 ރުފިޔާއަށް އަދި ގެލެކްސީ އެސް6 އެޖް ވިއްކަމުން ގެންދަނީ 15،375 ރުފިޔާއަށް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ިމިފަދަ ޒަމާނީ ފޯނެއް ބައިނަލްއަގުވާމީ ލޯންޗިން އާއެކު ރާއްޖޭގައި ލޯންޗުކުރެވޭ މިއީ ފުރަތަމަފަހަރެވެ.