މުޅިން އަމިއްލަ މެންބަރުން ހިމެނިވަޑައިގަންނަވާ ގއ. ކޮނޑޭ ރަށު ކައުންސިލްގެ ތިން މެންބަރަކު އެމްޑީޕީ އަށް ސޮއި ކުރައްވައިފި އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެކަމަށް ޓަކައި އެމްޑީޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެބޭފުޅުން އެމްޑީޕީ އަށް ސޮއިކުރައްވާފައި ވަނީ އިއްޔެ ކަމަށެވެ.

އެމްޑީޕީ އަށް ސޮއިކުރެއްވި މެންބަރުންނަކީ، އިންތިހާބުން އެންމެ ގިނަ ވޯޓު ހޯދި އަހުމަދު އައްބާސް އާއި ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ޝުޖާއު ނާސިރާއި އެންމެ މަދުން ވޯޓު ލިބުނު މޫސާ އަޙްމަދު ދީދީ އެވެ.

އިލެކްޝަންސްގެ ނަތީޖާ ދައްކާ ގޮތުން އަހުމަދު އައްބާސް އަށް ލިބިފައި ވަނީ 128 ވޯޓެވެ. ޝުޖާއު އަށް 122 ވޯޓު، މޫސާ އަހްމަދު ދީދީ އަށް 97 ވޯޓެވެ.

އެމްޑީޕީގެ އޮފިޝަލް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމިއްލަ ގޮތުން ކާމިޔާބު ހޯއްދެވި އިތުރު ކައުންސިލަރުން ވެސް ވަރަށް އަވަހަށް އެމްޑީޕީ އަށް ސޮއިކުރައްވާނެ ކަމަށެވެ. އަދި އެކަމަކީ، ސަރުކާރު ހިންގާ ޕާޓީއާ ގުޅިގެން އެ ބޭފުޅުން ނިސްބަތްވާ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމުގެ ބޭނުން ފުޅުގައި ކުރައްވާ ކަމެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޮނޑޭ ކައުންސިިލަށް ހޮވުނު ފަސް ބޭފުޅުންނަކީ ވެސް އަމިއްްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންނެވެ.