09 Apr 2015, 16:45
ތެހެރާން (އެޕްރީލް 9) : އީރާނުގެ ކަނޑުގެ ސިފައިން އުޅަނދުތަކެއް ޔަމަނާ ދިމާއަށް މިސްރާބު ޖަހައިފި އެވެ.
މިކަން ކަށަވަރު ކޮށްދެއްވަމުން އީރާނުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު އެޑްމިރަލް ހަބީބުﷲ ސިޔާރީ ވިދާޅުވީ ޔަމަންގެ އަދަން ކަނޑުއޮޅިއަށް ދިޔުމަށްފުރީ އީރާނުގެ އަސްކަރީ ދެމަނަވަރު ކަމަށްވާ ބޫޝަހެރު އާއި ބަރްޒު އެވެ. ނަމަވެސް މިއިން ކޮންމެ މަނަވަރަކާއެކު ކުދި ދެތިން އުޅަނދު ހިމެނޭ ކަމުގައެވެ.
މި ދެމަނަވަރު ފޮނުވުމުގެ ބޭނުމަކީ ޔަމަންގެ އައްސޭރި ފަށުގައިވާ ރަތްކަނޑާއި އަރަބި ކަނޑުން ދަތުރުކުރާ އީރާނުގެ އާގުބޯޓުފަހަރު ހިމާޔަތް ކުރުމާއި ރަތްކަނޑާއި އަރަބި ކަނޑުގެ ހުޅަނގުގައިވާ އީރާނުގެ މަސްލަޙަތުތައް ރައްކާތެރިކުރުން ކުރުންކަމަށް އޭނާ ވިދާޅުވި އެވެ. ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަންގައި ހިންގާ އަސްކަރީ އޮޕަރޭޝަންގައި ޔަމަންގެ ކަނޑުގެ ބަނދަރުތަކާއި ކަނޑުގެ ސަރަހައްދު ވެސް ވަނީ ހިސާރުކޮށްފަ އެވެ.
އެހެންކަމުން އީރާނުގެ ދެމަނަވަރު ޔަމަންގެ ކަނޑުގެ ސަރަހައްދަށް ވަންނަން މަސައްކަތްކޮށްފިނަމަ ސައޫދީ އަރަބިޔާއާއި އީރާނާ ދެމެދު ކުރިމަތިލުމެއް ހިނގުމުގެ ފުރްސަތު އޮތް ނަމަވެސް ކުރިމަތިލުމެއް ހިނގާ ގޮތަށް ކަންތައްކުރުމަކީ އެދެގައުމުގެވެސް މަސްލަޙަތާ ފުށުއަރާ ކަމެއްކަމަށް މުރާސިލުން ބުނެއެވެ.
އީރާނުގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރު އެގައުމުގެ ދެކުނުގައިވާ ބަންދަރު އައްބާސްގެ ބަނދަރުން ރޭ ދަންވަރު ފުރާފައިވާއިރު މިއިން އެއްވެސް މަނަވަރެއް ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ނުވަންނާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވަނީ ވިދާޅުވެފައެވެ. ޖަވާދު ޒަރީފް މިހާރު އުޅުއްވަނީ ޔަމަންގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލު ކުރުމާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް އީރާނުގެ އަވަށްޓެރި ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައެވެ.
މި ދަތުރުފުޅުގައި ޒަރީފް ވަނީ އުމާން އަށާއި ޕާކިސްތާނަށް ޒިޔާރަތް ކުރައްވާފައެވެ. މި ދެގައުމުގެ މަސްއޫލުވެރިންނާއި ޒަރީފް ކުރެއްވި މަޝްވަރާތަކުގައި އޭނާ ވަނީ ޔަމަންގެ މައްސަލަ ޙައްލުކުރުމަށް 4 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއްވެސް ހުށަހަޅުއްވާފައެވެ. ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެހެން ބައެއް ގައުމުތަކުގެ އެހީތެރިކަމާއެކު ޔަމަންގައި ދަނީ އަސްކަރީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ސައޫދީ އަސްކަރީ ތަރްޖަމާނެއްކަމަށްވާ ކާނަލް އަހްމަދު އުސައިރީ ވިދާޅުވިގޮތުގައި މި އޮޕަރޭޝަންގެ ބޭނުމަކީ ހޫޘީ ހަނގުރާމަވެރިން އަސްކަރީ ގޮތުން ބަލިކޮށް ހަޔިޔާރު ބެހެއްޓުމަށް އެމީހުންނަށް މަޖްބޫރު ކުރުމެވެ. ހަތިޔާރު ބެހެއްޓުމަށްފަހު ސުލްހައިގެ މޭޒުދޮށަށް އައުމުގެ ފުރްސަތު ހޫޘީންނަށް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައޫދީން ހޫޘީންގެ އަމާޒުތަކަށް ވައިގެ ޙަމަލާތަކަށް ދެހަފްތާވީއިރުވެސް ހޫޘީ ހަނގުރާމަވެރިން ބަލިކުރެވިފައެއް ނުވެއެވެ. އަދި ޔަމަންގެ ވެރިރަށް ސަންއާއިންވެސް އެމީހުން ފައްސާލެވިފައެއް ނުވެއެވެ. އަދި ޔަމަންގެ ރައީސް ހާދީ އަށް އަލުން އަނބުރައި ވެރިކަން ހޯދައި ދެވިފައެއްވެސް ނުވެއެވެ. މީގެއިތުރުން ސައުދީންގެ ވައިގެ ހަމަލާތަކާއެކުވެސް ހޫޘީ ހަނގުރާމަވެރިން ގެންދަނީ ކުރިން އެމީހުންގެ ކޮންޓްރޯލް ނެތް ޔަމަންގެ ދެކުނުގެ ރަށެއްކަމަށްވާ އަދަންވެސް ހިފުމަށް މަސައްކަތް ކުރަމުންނެވެ.
ސައޫދީ އަރަބިޔާއިންވަނީ ހޫޘީންނަށް ހަތިޔާރު ދޭކަމުގެ ތުހުމަތު އީރާނަށާއި ރަޝިޔާގެ މައްޗަށް ކޮށްފައެވެ. ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ އަށް ތާއީދުކުރާ ގަބީލާތަކުގެ ހަނގުރާމަވެރިންނާއި އެގައުމުގެ ހޫޘީ ހަނގުރާމަވެރިންނާ ދެމެދު އަދަންގައި ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާކަމަށް ވެއެވެ.
ޔަމަނުން ލިބޭ ޚަބަރުތައް ބުނާގޮތުން ދެފަރާތުގެ ދެމެދުގައި ހަނގުރާމަ ހިނގަމުންދަނީ އަދަންގެ މެދުތެރޭގައިވާ ގެތަކާއި މަގުތަކުގައެވެ. މިކަމުގެ ސަބަބުން ޔަމަންގެ ރައްޔިތުންގެ ގިނަ ބަޔަކު ހާލުގައިޖެހިފައިވާ ކަމަށް އދ. ން ބުނެއެވެ. (ރޮއިޓާސް)