09 Apr 2015, 18:10
ޖަޕާނުގެ އެންމެ މަތީ ފަންތީގެ ލީގު ކަމަށްވާ ޖޭ ލީގުގެ އެއްވަނަ ޑިވިޝަންގައި ކުޅެމުން އަންނަ ސްޓްރައިކަރު ޔޮޝިނޯރީ މޫޓޯއަށް ޗެލްސީިން ބިޑު ކޮށްފި އެވެ.
ޖަޕާނުގެ ނިއުސް އޭޖެންސީއެއް ކަމަށްވާ ކިޔޯޑޯ ނިއުސް ބުނިގޮތުގައި، ޗެލްސީއަށް މޫޓޯ ގެންދަން އެ ކްލަބުން އޭނާއަށް ބިޑު ކޮށްފައި ވާނަމަވެސް، އޭނާ ޗެލްސީއަށް ބަދަލުވާނެކަން އަދި މޫޓޯ ޔަގީން ކޮށްދީފައެއް ނުވެއެވެ.
އުމުރުން 22 އަހަރުގެ މޫޓޯ، އިކޮނޮމިކްސްގެ ދާއިރާއިން ކީއޯ ޔުނިވަރސިޓީން ދަސްވެނިވީ މީގެ ދެ ހަފްތާ ކުރިންނެވެ. މޫޓޯ އަކީ ޖަޕާނުގެ ޖޭ ލީގުގައި އެފްސީ ޓޯކިޔޯއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ މިދިޔަ ސީޒަންގައި އެ ޓީމަށް 13 ލަނޑު ކާމިޔާބު ކޮށްދީފައި ވާއިރު، މި އަހަރުގެ ކުރީކޮޅު ބޭއްވި އޭޝިއަން ކަޕްގައި އޭނާ ވަނީ ޖަޕާނުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ.
މޫޓޯ މިހާތަނަށް ޖަޕަނުގެ ގައުމީ ޓީމަށް 11 މެޗު ކުޅެދީފައި ވާއިރު، މި ސީޒަންގެ ކުރީކޮޅު އޭނާ ވަނީ ޖޭ ލީގުގައި އެފްސީ ޓޯކިޔޯ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ލަނޑު ޖަހާފައެވެ. އަދި ޖަޕާނުގެ ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗް ވަހީދު ހަލިލޮޑްޒިޗްގެ ދަށުން މި އަހަރު ނެގި ޖަޕާނުގެ ގައުމީ ޓީމުގެ ސްކޮޑުގައިވެސް އޭނާ ވަނީ ހިމެނާފައެވެ.
ޖަޕާނު ކުޅުންތެރިއަކު ޓީމުގެ ސްކޮޑަށް ގެންނަން ޗެލްސީން މަސައްކަތް ކުރަމުން ދާއިރު، މި އަހަރުގެ ފެބްރުއަރީގައި އެ ކްލަބުން ވަނީ ޖަޕާނުގެ ޓަޔަރު ހަދާ ކުންފުންޏަކާއެކު ޓީޝާޓް ސްޕޮންސަރ ކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއި ކޮށްފައެވެ.