ސްރީލަންކާގައި އަންނަ ޖޫން މަހު ނޫނީ ޖުލައި މަހު އާންމު އިންތިހާބެއްް ބޭއްވުމަށް މޭ މަހު ޕާލަމެންޓް އުވާލުމަށް ޕްލޭން ކުރައްވަމުން އަންނަ ކަމަށް ރައީސް މައިތިރި ޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ޓައިމް މެގަޒިންނަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ލަންކާގެ އަހުލީ ހަނގުރާމާގައި އިންސާނިއްޔަތާ ހިލާފު ކަންކަން ހިންގާފައިވާ ކަމަށް ބުނާ، އދ.ގެ ރިޕޯޓް ވެސް އާންމު ކުރައްވާނީ އެ ދުވަސްވަރު ކަމަށެވެ.

ސިރިސޭނާ ކުރިން ވިދާޅުވީ އެ ރިޕޯޓްގެ ތަފްސީލުތައް މާޗު މަހު އާންމު ކުރައްވާނެ ކަމަށެވެ. ނަމަވެސް އިނގިރޭސި ބަހުން ނެރޭ ނޫހަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ސިރިސޭނާ ވިދާޅުވީ އެ ރިޕޯޓް މިހާރު އާންމު ކުރުމަށް ހަމަޖެހިފައި ވަނީ އަވަސް އިންތިހާބުގެ ކުރީން ޖޫން މަހު ފަހުކޮޅު ކަމަށެވެ.

ސިރިސޭނާ ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރުގެ ވަރަށް ސީނިއާ މިނިސްޓަރެއްގެ މަގާމުގައި ހުންނެ ވުމަށް ފަހު ނޮވެމްބަރު މަހު އިސްތިއުފާ ދެއްވައި ރައީސް ރާޖަޕަކްސާ އާ ވާދަކުރައްވައި ޖެނުއަރީ މަހު އޮތް އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ.

ރައީސް ސިރިސޭނާ ވިދާޅުވީ ރާޖަޕަކްސާގެ ސަރުކާރުގެ މައްސަލައަކީ ހުރިހާ ބާރުތައް އެމަނިކުފާނު އަތްދަށު ލެއްވުން ކަމަށާއި ދައުލަތުގެ ބާރުތަކަކީ ބަހާލެވިފައިވާ އެއްޗަކަށް ވާން ޖެހޭނެ ކަމަށެވެ.