އިސް މެމްބަރު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ގޮތަށް ޗައިނާއިން އުފައްދާފައިވާ އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)އިން ވޯލްޑް ބޭންކާއި އައިއެމްއެފާ ވާދަކޮށް، ދުނިޔޭގެ މާލީ ދާއިރާތަކުގައި ގެންގުޅޭ މޮނޮޕޮލީ ފުނފުނޑުކޮށްލާނެތީ އެމަރިކާއިން ކަންބޮޑުވެއްޖެ އެވެ.

ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ)ގެ މެންބަރުކަން ހޯދުމަށް އީރާނާއި ޔޫ.އޭ.އީ ހުށަހެޅި ހުށަހެޅުން މިހާރު ވަނީ ގަބޫލުކޮށްފަ އެވެ.

އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް ގެ މެންބަރުކަން މިހާތަނަށް ލިބިފައިވާ ގައުމުތަކުގެ އަދަދު 35 އަށް އަރާއިރު ޗައިނާގެ މާލީ ވަޒީރު އިއްޔެ ވިދާޅުވީ އީރާނާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އަށް މެންބަރުކަން ދިނުމަށް ނިންމީ މި މަހުގެ ތިން ވަނަ ދުވަހު ކަމުގަ އެވެ.

އެ ބޭންކުގެ މެންބަރުންގެ ގޮތުގައި އީރާނާއި ޔޫ.އޭ.އީ ހަމަޖެއްސީ މެންބަރު އެހެން ގައުމުތަކުގެ ރުހުން ލިބިގެން ކަމަށާއި އެ ދެ ގައުމަކީ އޭ.އައި.އައި.ބީ އަށް ފައިސާގެ ބޮޑު މިންވަރެއް ދެވޭފަދަ ދެ ގައުމު ކަމުގަ އެވެ. މިއާއެކު އެ ބޭންކްގެ ރައުސްމާލް އެތަށް ސަތޭކަ ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފައިވާ ކަން ވެސް ޗައިނާގެ މާލީ ވަޒީރު ހާމަކުރެއްވި އެވެ.

އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އުފައްދާފައިވަނީ ޗައިނާ އިސްކޮށް އޮވެގެން މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ. އެ ބެންކް އުފައްދާފައި ވަނީ 50 ބިލިޔަން އެމެރިކާ ޑޮލަރުގެ ރައުސުލްމާލަކުންނެވެ. މިބޭންކް އުފެއްދުމުގެ ގޮތުން އެންމެ ފުރަތަމަ ސޮއިކުރި މެންބަރު ގައުމުތަކުގެ ތެރޭގައި ޗައިނާގެ އިތުރުން ހިމެނެނީ އޭޝިޔާގެ ގައުމުތަކެވެ.

މީގެތެރޭގައި ދިވެހިރާއްޖެ، ސްރީލަންކާ، އިންޑިޔާ، ބަންގްލަދޭޝް، ބުރުނާއި، ސިންގަޕޫރު، މެލޭޝިޔާ، ފިލިޕީންސް މިޔަންމާ ފަދަ އޭޝިޔާގެ ގިނަ ގައުމުތަކެއް ހިމެނެއެވެ. އޭޝިޔާގެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ސައޫދީ އަރަބިޔާ، ކުވައިތު ގަތަރު، އީރާން، އަދި ޔޫ.އޭ.އީ ފަދަ ގައުމުތައް މި ބޭންކުގެ މެންބަރުންގެ ގޮތުގައި ހަމަޖެހިގެން ދިޔައީ މިއަހަރުގެ ތެރޭގަ އެވެ.

މީގެ އިތުރުން ޔޫރަޕްގެ މުއްސަނދި ގައުމުތައް ކަމަށްވާ ފަރަންސޭސިވިލާތާއި ޖަރުމަނާއި އިނގިރޭސިވިލާތްފަދަ ގައުމުތައް މިބޭންކުގެ މެންބަރުންނަށް ވެގެންދިޔައީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. މި ގައުމުތަކަށް މެންބަރުކަން ލިބުނީ މެންބަރުންގެ ގޮތުގައި ކުރިން ތިބި ގައުމުތަކުގެ ރުހުން ލިބިގެންނެވެ.

މިހާ ގިނަ ގައުމުތަކެއް މި ބޭންކުގައި ބައިވެރިވުމުން ބޭންކުގެ ކެޕިޓަލް މިހާރު 500 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިހާރުވެސް އޭޝިޔާ، ޔޫރަޕް، އެފްރިކާ އަދި ލެޓިން އެމެރިކާގެ 23 ގައުމަކުން މިބޭންކުގެ މެންބަރުކަމަށް އެދި ހުށަހަޅާފައިވެ އެވެ.

މީގެތެރޭގައި އޮސްޓްރޭލިޔާ، ބްރެޒިލް، ޑޭންމާކް، ދެކުނު ކޮރެޔާ، ސްވިޑްން، ތުރުކީ އަދި ސްޕޭންފަދަ ގައުމުތައް ހިމެނެއެވެ. ނަމަވެސް މެންބަރު އެހެން ގައުމުތަކުގެ ރުހުން ނުލިބޭތީ މި 23 ގައުމަށް އަދި ވަނީ މެންބަރުކަން ލިބިފައެއް ނުވެއެވެ.

އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކަކީ ވޯލްޑް ބޭންކާއި އައިއެމްއެފް އާއި އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކްފަދަ އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކާ ވާދަކޮށް އެމުއައްސަސާތަކުން ދުނިޔޭގެ މާލީ ދާއިރާތަކުގައި ގެންގުޅޭ މޮނޮޕޮލީ ފުނފުނޑުކޮށްލާނެ ބޭންކެއް ކަމަށް ބެލެވޭތީ އެމެރިކާވަނީ މިބޭންކް އުފެއްދުމުން ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.

އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސިވިލާތްފަދަ ހުޅަނގުގެ ބޮޑެތި ބާރުތަކުން އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގައި ބައިވެރިވުމުން އެމެރިކާ ސަރުކާރުން ވަނީ އެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، ކައިރި މުސްތަގްބަލެއްގައި ވޯލްޑް ބޭންކާއި އައިއެމްއެފް އާ އަދި އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާ ވާދަކުރާނެ އެވެ. އަދި ދުނިޔޭގެ މާލީ ބާޒާރުގައި އެތިން މުއައްސަސާ މެދުވެރިކޮށް އެމެރިކާ އާއި އެމެރިކާއާ ގުޅިފައިވާ މަދު ގައުމުތަކަކުން ނަގަމުން ގެންދާ އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ފައިދާ އިން ބޮޑު ބައެއް މިއައު ބޭންކް ގެ ސަބަބުން އެމެރިކާއަށާއި އެގައުމުތަކަށް ގެއްލިގެންދާނެއެވެ.

އެމެރިކާ ވަނީ އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކްގައި ބައިވެރި ނުވާނެ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާ ދެކެނީ އެއީ މާލީ ވިޔަފާރީގެ ދާއިރާގައި ދުނިޔޭގައި އެމެރިކާ ގެންގުޅޭ މޮނޮޕޮލީ ދައުރު ނިމުމަކަށް ގެނަސް އެމެރިކާގެ މާލީ އާރާއި ބާރު ކަނޑުވާލާނެ ބާރުގަދަ މުއްސަނދި އެހެން ނަމަވެސް އެމެރިކާއާ ވާދަވެރި ބޭންކެއްގެ ގޮތުގައެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފް އަކީ ދެވަނަ ބޮޑު ހަނގުރާމައިގާ ކާމިޔާބު ހޯދި އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ ގޮތުގައި ތިބި އިގިރޭސިވިލާތްފަދަ ގައުމުތައް އިސްކޮށް ތިބެގެން އެހަނގުރާމައަށްފަހު އެހެންގައުމުތަކަށް ފުރްސަތުނެތް ގޮތަށް މޮނޮޕޮލީގެ އުސޫލުން އުފައްދާފައިވާ މާލީ ދެ މުއައްސަސާއެވެ. އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އަކީ ޖަޕާނާއި އެމެރިކާ އިސްކޮށް އޮވެގެން އުފައްދާފައިވާ ވޯލްޑް ބޭންކް ފަދަ މާލީ މުއައްސަސާއެކެވެ. އޭޑީބީ ގެ ލޯންތަކުން ލިބޭ ބޮޑު ފައިދާ ހިއްސާކުރަނީވެސް ޖަޕާނާއި އެމެރިކާގެ އިތުރުން ހުޅަނގުގެ މަދު ގައުމުތަކަކުންނެވެ.

މި ތިން މުއައްސަސާ މެދުވެރިކޮށް އެމެރިކާ އާއި ޖަޕާނާ އަދި ހުޅަނގުގެ ބޮޑެތި ގައުމުތައް ގެންދަނީ ކުދިގައުމުތަކަށް މާލީ ގޮތުން ބިރުދައްކައި ލޯން ދިނުމުގައި ފިއްތުންތައް ކުރިމަތިކުރުމުގެ މޮނޮޕޮލީ ރޯލެއް އަދާކުރަމުންނެވެ.

ނަމަވެސް މިއާ ޚިލާފަށް ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ އިސް މެންބަރުންނަކީ ތަރައްގީވަމުން އަންނަ އޭޝިޔާގެ ގައުމުތަކެވެ. މީގެތެރޭގައި ސްރީލަންކާއާއި ބަންގްލަދޭޝް އާއި ދިވެހިރާއްޖެފަދަ ގައުމުތައް ހިމެނެ އެވެ.

މިބޭންކުގެ އަމާޒަކީ އޭޝިޔާގެ ގައުމުތަކުގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް މާކުޑަ އިންޓްރެސްޓެއްގައި ފިއްތުންތައް ކުރިމަތިނުކޮށް ވަރަށް ބޮޑެތި އަދަދުތަކެއްގެ ލޯންތައް ދިނުމެވެ. މިކަމުގެ ސަބަބުން މިގައުމުތައް ލޯން ހޯދުމަށް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނަށް ސަލާމް ޖަހަމުން ގެންދިޔަ ދުވަސްތައް ނިމުމަކަށް އައިސް ބައިނަލްއަގްވާމީ މާލީ މަސްރަހުގައި އެމެރިކާގެ ބާރާއި ނުފޫޒާއި މޮނޮޕޮލީ ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. (އިގްތިސާދީ ރިޕޯޓްތައް)