09 Apr 2015, 15:21
ފައިދިގު މަކުނުގެ ވަރަށް ނުރައްކާތެރި ބާވަތެއް ކަމުގައިވާ ބްލެކް ވިޑޯ ބިސްތަކެއް ކަމަށް ބެލެވޭ ބިސްތަކެއް ސޯޝަލް ސެންޓަރުން ފެނިއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ މިއަދު 1:45 ކަންހާއިރު އެ މަރުކަޒުގެ ޕާކިން އޭރިއާ ސަރަހައްދުން ގިނަ އަދަދެއްގެ ބުލެކް ވިޑޯ ބިސްތަކެއް ފެނިފައިވާ ކަމަށެވެ. ބިސް ފެނުނު ނަމަވެސް އެ ވައްތަރުގެ މަކުނެއް އަދި ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސޯޝަލް ސެންޓަރުގެ ޕާކިން އޭރިއާގައި ހުރީ، ފުދޭވަރަކަށް ބައިވަރު އެބަހުރި، އެފެނުންތަނާވެސް އެނގޭ އެއީ ބުލެކް ވިޑޯ ބިސްތަކެއްކަން،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުލުހުން އެ ބިސްތައް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.
މިދިޔަ އަހަރު ތެރޭވެސް ވަނީ މާލެ ސަރަހައްދާއި އަތޮޅު ތެރޭ ބައެއެް ރަށްރަށުންވެސް އެނުރައްކާތެރި މަކުނުތައް ފެނިފަ އެވެ.
ފައިދިގު މަކުނުގެ އާއިލާގެ އެންމެ ނުރައްކާތެރި އަދި ވިހަގަދަ "ބްލެކް ވިޑޯ ސްޕައިޑާ" ދަތް އަޅައިފިނަމަ، އެ މީހަކަށް ފިޓް ޖެހި މާ ބަނޑު މީހުން ބައިގެންދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެއެވެ.