ވަގު ޕާސްޕޯޓުގައި ސީރިޔާގެ ނުވަ މީހަކު ރާއްޖެ ގެނައި ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.

ފުލުހުންނާއި ޑިޕާޓްމަންޓް އޮފް އިމިގްރެޝަން އެންޑް އެމިގްރޭޝަނާ ގުޅިގެން އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސުޕްރިޑެންޓެންޓު އޮފް ޕޮލިސް ހުސައިން ރަޝީދު ވިދާޅުވީ ސީރިއާއިން ރާއްޖެ އައި ނުވަ މީހަކު އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކީ 18 އަހަރު ނުފުރޭ ތިން ކުޑަކުއްޖެއް ވެސް ހިމެނޭ ކަމަށެވެ.

"މިމައްސަލަ ފުލުހުންނަށް އިިމިގްރޭޝަނުން ހުށަހެޅުމުން ފުލުހުންނާ އިމިގްރޭޝަނާ ގުޅިގެން ހޯދި މައުލޫމާތުތަކުން މިދިޔަ މަހުގެ 27ވަނަ ދުވަހު ސީރިޔާގެ ސައްހަ ޕާސްޕޯޓެއްގައި ރާއްޖެ އައިސްފައިވާ ސީރިއާގެ ނުވަ މީހަކު މިދިޔަ މަހުގެ 29 ވަނަ ދުވަހު ގަތަރުގެ ދޯހާއަށް ދިއުމުން އެ މީހުން އަނބުރާ ރާއްޖެ ވަނީ ގެނެސްފައި. އަދި އެ މީހުން އަނބުރާ ރާއްޖެ ގެނައީ އެ މީހުން ރާއްޖެއިން ދޯހާއަށް ފޮނުވާލާފައިވާ ވަނީ ބަލްގޭރިއާގެ ޕާސްޕޯޓުތަކެއްގައިކަން އިމިގްރޭޝަނަށް އެނގުމުން،" ހުސައިން ރަޝީދު ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ސީރިޔާއިން ރާއްޖެ އެތެރެވި ނުވަ މީހުންގެ އަތުގައި އޮތް ސީރިޔާ ޕާސްޕޯޓާ ބަލްގޭރިއާ ޕާސްޕޯޓުގައި ވެސް މިދިޔަ މަހުގެ 27ވަނަ ދުވަހު ރާއްޖެ އެތެރެވި ކަމުގެ ތަތްގަނޑު ޖަހާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މީހުން އެތެރެވުމުގައި އެހީތެރިވެފައިވާ ދެ ދިވެހިންގެ ތެރެއިން އެކަކަކީ އިމިގްރޭޝަނުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އަނެކަކަކީ ކުރިން އިމިގްރޭޝަންގައި ކުރިން މަސައްކަތް ކޮށްފައިވާ މީހެއް ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ދިވެހިން ސީރިޔާ މީހުންގެ އަތުން "ބޮޑު އަދަދަކުން ފައިސާ ނަގާފައިވާކަން" ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.

ސީރިޔާ މީހުން ރާއްޖެ އެތެރެ ކުރުމުގައި އެހީތެރިވެދިން ދެ ދިވެހިން ވެސް މިހާރު ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

ސީރިޔާއިން ރާއްޖެއަށް އެތެރެވި މީހުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ނެގުމަށްފަހު މިހާރު ފޮނުވާލާފައިވާ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.