އެމްޑީޕީގެ އިސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެ ވަނަ ދުވަހު ހުޅުވާލައި އެޕްރީލް މަހު 30ގައި އިންތިހާބު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ، މަގާމުތަކަށް ކުރިމަތި ލުމަށް ދެވޭނީ ހަތް ދުވަހުގެ ފުރުސަތެއް ކަމަށެވެ.

"ލޯކަލް އިންތިހާބުގެ ދާއިމީ ނަތީޖާ އިއްލާންކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި، އިންތިހާބުތައް ބާއްވާނެ ދުވަހެއް އިއްލާންކުރަން ޖެހޭނެ ކަމަށް ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައި. އެހެންކަމުން އެކަން އަޅުގަނޑުމެން މި އިއްލާން ކުރީ. ނަމަވެސް އަޅުގަނޑުމެންގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބުގެ ކަންތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ގިނަ ދުވަސްތަކެއް ދެވެންނެތީ. އެހެންކަމުން މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު މާޗް މަހުގެ އަށް ވަނަ ދުވަހުގެ 4:00 އަށް ހަމަވާނެ" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމު ފިޔަވައި އިސް ހުރިހާ މަގާމަކަށް ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި، ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަގާމާއި ޕާޓީގެ ޗެއާޕާސަންގެ ދެ ނާއިބުންގެ އިތުރަށް އިސްލާމްދީނުގެ މަޝްވަރާ މަޖިލީހާއި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ މަގާމު ވެސް ހިމެނެ އެވެ. އަދި އެމްޑީޕީގައި އަލަށް އުފައްދާފައިވާ މަގާމުތަކެއް ކަމަށްވާ، ޒުވާނުންގެ ހިތްވަރުގެ ރައީސާއި ނާއިބު ރައީސްގެ އިތުރުން އަންހެނުންގެ ރައީސާއި ނާއިބު ރައީސާއި ޕްރޮވިންސް ރައީސާއި ނާއިބު ރައީސް ކަމުގެ މަގާމަށް ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ޗެއާޕާސަންކަމުގެ މަގާމަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައި ނުވަނީ، އެ މަގާމަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އިންތިހާބު ކޮށްފައިވާ މަގާމަކަށް ވާތީ، 2008 ވަނަ އަހަރު އިންތިހާބު ކުރި ގޮތަށް މާރިޔާ އަހްމަދު ދީދީ އެ މަގާމުގައި ދެމި ހުންނެވުމުންނެވެ.

މި އިންތިހާބުގައި ރައީސާއި ނާއިބު ރައީސްގެ މަގާމަށް ކުރިމަތި ލައްވާ ފަރާތްތަކަށް، ޕާޓީގެ ހުރިހާ މެންބަރުންނަށް ވޯޓު ދެވޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ޕާޓީގެ ޗެއާޕާސަންގެ ދެ ނާއިބުންނަކީ ކޮންގްރެސްގައި ހޮވަން ޖެހޭ ދެ މަގާމު ކަމަށާއި އެ ދެ މަގާމަށް ވޯޓު ދެވޭނީ، އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ބައިވެރިވެފައިވާ މީހުންނަށެވެ. އިސްލާމްދީނުގެ މަޝްވަރާ މަޖިލީހާއި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށް ވޯޓު ދެވޭނީ ގައުމީ މަޖިލީހުގައި ތަމްސީލުކުރާ މެންބަރުންނަށް ކަމަށާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް ނާއިބު ރައީސް ހޮވުމަށް ވޯޓު ދެވޭނީ، ވޯޓުލުން އޮންނަ ދުވަހު ޒުވާނުންގެ ހިތްވަރުގައި ބައިވެރިވާ ފަރާތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަންހެނުންގެ ރައީސާއި ނާއިބު ރައީސް ހޮވުމަށް ވޯޓު ލެވޭނީ ހަމައެކަނި އަންހެން މެންބަރުންނަށް ކަމަށާއި ޕްރޮވިންސްގެ ރައީސާއި ނާއިބު ރައީސް ހޮވުމަށް ވޯޓު ދެވޭނީ ޕްރޮވިންސްތަކުގެ މެންބަރުންނަށް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހުން އުޅޭ ހުރިހާ ރަށެއްގައި އިންތިހާބު ކުރިއަށް ދާނެ ކަމަށާއި، ވޯޓުލުން ނިންމައި އިންތިހާބު އޮންނަ ދުވަހުގެ ރޭ ވަގުތީ ނަތީޖާ އިއްލާން ކުރައްވާނެ ކަމަށެވެ. އަދި އިންތިހާބު އޮބްޒާވް ކުރުމަށް ކެންޑިޑޭޓުންގެ އޮބްޒާވަރުންނާއި މީޑިޔާ އަށް ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ އިންތިހާބުތަކަކީ ޕާޓީގެ މެންބަރުންގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ކުރިއަށްދާ އިންތިހާބު ތަކަކަށްވާތީ މި އިންތިހާބަށް މާބޮޑު ހަރަދެއް ނުދާނެ ކަމަށާއި، ގާތްގަނޑަކަށް 60،000 ރުފިޔާ އިން މި އިންތިހާބުގެ ކަންތައްތައް ނިމޭނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.