09 Apr 2015, 15:05
ތިން މަސް ދުވަހަށްފަހު، އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިދިޔަ އަހަރުގެ އެޕްރީމް މަހުގެ 13 ވަނަ ދުވަހު ރައީސް ޔާމިން ތަސްދީގު ކުރެއްވި އާ ގާނޫނުލް އުގޫބާތުގައި ބުނެފައިވާ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ތަސްދީގު ކުރާތާ އެއް އަހަރު ފަހުންނެވެ. އަހަރު ދުވަހުގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުތަށް ދިރާސާ ކުރެއްވުމަށް މިއަދު ބޭއްވި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ހާޒިރުވި މެންބަރުންގެ ތެރެއިން ދެ މެންބަރުން ފިޔަވައި ހުރިހާ މެންބަރުން ވަނީ ގާނޫނުލްއުގޫބާތަށް އަމަލުކުރުން ފަސް ކުރުމަށް ތާއީދު ކުރައްވާފަ އެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު 'ސަން' އަށް ވިދާޅުވީ ކޮމިޓީން ފާސްކުރި އިސްލާހު މަޖިލީހުން ފާސްވެއްޖެނަމަ ދެން ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށާ ތިން މަސް ފަހުން ކަމަށެވެ.
ޖަމީލު ވިދާޅުވީ ގާނޫނުލްއުގޫބާތުގެ ބޭނުމަކީ ބަޔަކު ހައްޔަރުކުރުން ނޫން ކަމަށާއި، ގާނޫނުލްއުގޫބާތަށް އަހުލުވެރިވުމަށް ރައްޔިތުންނަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އަދި ގިނަ ރައްޔިތުންތަކަކަށް ގާނޫނުލްއުގޫބާތު ރަނގަޅަށް ނޭންގި ނުހައްގުން އަނިޔާތަކެއް ލިބިގެން ދިއުމަކީ އިސްސާފަކަށް ނުވާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.
"މި ހުށަހެޅުން މަޖިލީހުން ފާސް ވެއްޖެ ނަމަ ދެން އަމަލުކުރަން ފަށާއިރު، އިސްލާހުތަށް ވެސް ގެނެވި ފުރިހަމަވެފައި އޮއްނާނީ،" ޖަމީލް އުސްމާނު ވިދާޅުވި އެވެ.
ގާނޫނުލްއުގޫބާތު ދިރާސާ ކުރައްވާ ކޮމިޓީގައި ޔޫއެންޑީޕީގެ ފަރާތުން ހިމެނިވަޑައިގަންނަވާ ކޮންސަލްޓެންޓް ހުސައިން ޝަމީމު މީގެ ކުރިން 'ސަން' އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައި ވަނީ ގާނޫނުލްއުގޫބާތު ތަންފީޒުކުރުން ލަސް ކުރަން ޖެހޭ ފަދަ އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށާއި ކުރިން ވެސް ބަޔާންކޮށްފައިވާ ގޮތަށް އަންނަ ހޯމަ ދުވަހު އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށޭނެ ކަމަށެވެ.
"ކުދިކުދި އިސްލާހުތަކެއް ގެންނަން ހުރި ނަމަވެސް ފެށޭ މަހު 13 ވަނަ ދުވަހު އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށޭނެ،" ޝަމީމް ވިދާޅުވި އެވެ.
ގާނޫނުލްއުގޫބާތަށް އަމަލުކުރުން ފަސްކުރަން ކޮމިޓީއަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު އެވެ.