މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މާޗްމަހު 1.27 ބިލިއަން ރުފިޔާލިބި އަންދާޒާ ކުރި އަދަދަށްވުރެ ލިބުނު އާމްދަނީ 18.8 ޕަސެންޓް އަށް އަރައިފި އެވެ.

މީރާއިން މިއަދު އާންމްކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެ އޮތޯރިޓީ މެދުވެރިކޮށް ހުސްވި މާޗް މަހު ދައުލަތައް 1.27 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 63.7 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އެ އާމްދަނީއަކީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 29 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި އެއީ ލިބޭނެ ކަމަށް ކުރުން އަންދާޒާ ކުރި މިންވަރަށްވުރެ 19.8 ޕަސެންޓް އިތުރު އަދަދެކެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު ގުޑް އެންޑް ސާވިސް (ޖީއެސްޓީ) 741 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ލިބުނު އާމްދަނީގެ 58.5 ޕަސެންޓް އެވެ. އަދި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބިފައިވާއިރު ވިޔަފާރި ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި 701 މިލިއަން ރުފިޔާ ލިބިފަ އެވެ.

ޖުމުލަކޮށް ބަލާއިރު މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ތިން ބިލިއަން ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ. މިދިޔަ އަހަރު އެމުއްދަތުގައި ލިބިފައިވަނީ ދެ މިލިއަން ރުފިޔާއެވެ.