09 Apr 2015, 13:42
ލަލީގާގައި ރަޔޯ ވެލެކާނޯއާ ދެކޮޅަށް ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުގައި، ރޮނާލްޑޯ އެ ޓީމަށް ކާމިޔާބު ކޮށްދިން 300 ވަނަ ލަނޑާއެކު ރެއާލް މެޗު ކާމިޔާބު ކުރިއިރު، އަލްމީރިއާއާ ދެކޮޅަށް 4-0 ގެ ފަސޭހަ ކާމިޔާބީއެއް ބާސެލޯނާއިން ވެސް ހޯދައިފި އެވެ.
ރޭގެ ކާމިޔާބީއާއެކު ބާސާ ވަނީ ލީގު ތާވަލުގެ އެއްވަނައިގައި އެ ޓީމް ދަމަހައްޓަމުން އަންނަ ހަތަރު ޕޮއިންޓުގެ ލީޑު ހިފައްޓާފަ އެވެ. ރޭގެ ތިން ޕޮއިންޓާއެކު މިހާރު އެ ޓީމަށް މުޅިއަކު 74 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ ދެވަނައިގައި ރެއާލް އޮތީ 70 ޕޮއިންޓާއެކު އެވެ.
ރަޔޯ ވެލަކާނޯއާ ދެކޮޅަށް ރޭ ރެއާލް ކުޅުނު މެޗު ރެއާލް ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އަދި ހާފްގެ މެދުތެރެއިން ބޭލް ރެއާލްއަށް ލަނޑެއް ކާމިޔަބު ކޮށްދިން ނަމަވެސް، އޮފިޝަލުން ނިންމީ އެ ލަނޑު އޮފްސައިޑް ކަމަށެވެ.
މެޗުގެ ލީޑު ރެއާލްއަށް ހޯދަދިނީ 68 ވަނަ މިނެޓުގައި ރޮނާލްޑޯ އެވެ. އޭނާ އެ މެޗުގައި ރެއާލް މެޑްރިޑަށް އޭނާގެ 300 ވަނަ ލަނޑު ކާމިޔާބު ކުރިއިރު، މި ސީޒަންގައި 37 ލަނޑާއެކު ލަލީގާގެ ޓޮޕް ސްކޯރަރގެ މަގާމު ވެސް ދަމަހައްޓަމުން އަންނަނީ ރޮނާލްޑޯ އެވެ.

ރެއާލްގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ ރޮނާލްޑޯ ރެއާލްއަށް ލީޑު ހޯދަދިންތާ ފަސް މިނެޓު ފަހުންނެވެ. ރޮނާލްޑޯ ދިން ޕާހަކުން ރެއާލްއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ޖޭމްސް ރޮޑްރިގޭޒް އެވެ. ލީޑު ނެގުމަށް ފަހު ރެއާލް ކުޅެފައި ވަނީ ބޯޅަ ހިފައްޓައިން ބޮޑަށް ޑިފެންސަށް އިސްކަން ދީގެނެވެ.
މެޗުގެ ފަހު ވަގުތުކޮޅު ރެއާލްގެ އިސްކޯއަށް ލީޑު ފުޅާކޮށްލަން އިތުރު ފުރުސަތެއް ލިބިގެން ދިޔަ ނަމަވެސް، ވެލަކާނޯގެ ކީޕަރު ވަނީ އެ ހަމަލާ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ. ހާފްގެ ފަހުކޮޅު ވެލަކާނޯގެ މަނޫޗޯއަށް ލަނޑެއް ކާމިޔަބު ކުރަން ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައިރު، ރެއާލްގެ ކީޕަރު ކެސިލަސް ވަނީ ހުނަރުވެރިކަމާއެކު އެ ހަމަލަ ދިފާއު ކޮށްފައެވެ.

ރެއާލް މެޗާ ހިލާފަށް ރޭ އަލްމީރިއާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި، ބާސާގެ ތަރި ލައޮނަލް މެސީ ވަނީ ފުރަތަމަ ހާފްގައި އެ ޓީމަށް ލީޑު ހޯދަދީފަ އެވެ. 33 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެނެވެ.
ފުރަތަމަ ހާފްގައި ބާސާއަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ދެވަނަ ހާފް ފެށިތާ 10 މިނެޓުތެރޭ ލުއިސް ސުއަރޭޒް ވަނީ ބާސާގެ ލީޑު ދެ ލަނޑަށް ފުޅާކޮށްލަ ދީފައެވެ. އަދި 75 ވަނަ މިނެޓުގައި ޒަވީގެ އެހީއާއެކު ބާޓްރާ ބާސާގެ ތިންވަނަ ލަނޑު ކާމިޔާބު ކުރިއިރު، މެޗުގައި ބާސާގެ ފަހު ލަނޑު ކާމިޔާބު ކުރީ ފުރިހަމަ ވަގުތު ނިމި ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ސުއަރޭޒް އެވެ.
