09 Apr 2015, 12:39
ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ ތެރެއިން ގައުމަށް އެނބުރިދާން ބޭނުންވާ މީހުންނަށް ބޭނުންވާ ހުއްދަ ދޫކުރުމުގެ ކަންތައްތައް އަވަސް ކުރާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެގޮތަށް އެއްބަސްވީ ބަންގްލަދޭޝްގެ ވަފުދަކާއި ރާއްޖޭގެ އިމިގްރޭޝް އެންޑް އެމިގްރޭޝަން ޑިޕާޓްމެންޓްގެ ވަފުދަކުން އަންގާރަ ދުވަހު ކުރި މަޝްވަރާތަކެއްގައި ކަމަށެވެ. ބަންގްލަދޭޝް މީހުންގެ މައްސަލަތައް ހައްލު ކުރުމަށް ގުޅިފައިވާ ޓެކްނިކަލް ކޮމިޓީއެއް އުފައްދަން މަޝްވަރާ ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ. އެކޮމިޓީގައި ހިމެނޭނީ ހައިކޮމިޝަންގެ ތިން ބޭފުޅަކާއި ރާއްޖޭގެ އިމިގްރޭޝަންގެ ފަސް ބޭފުޅެކެވެ.
ބަންގްލަދޭޝްމީހުންގެ ކަންތައްތައް ހަމައަކަށް އެޅުވުމަށް ކޮމިޓީން ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. ގައުމަށް އެނބުރިދާން ބޭނުންވާ މީހުންގެ ކަންތައްތައް އަވަސް ކުރުމަކީ އެގޮތުން ކުރާނެ އެއް ކަންތަކެވެ.
"...އެނބުރިދާން ތިބި ބަންގްލަދޭޝްމީހުންނަށް ބޭނުންވާ ދަތުރުކުރުމުގެ ހުއްދަ [ވަގުތީ ލިއުން] ދޫކުރުމުގެ ކަންތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން އިމިގްރޭޝަން ޑިޕާޓްމެންޓަށް ވާނީ ދީފައެވެ. އަދި ބާކީ ތިބޭ މީހުންގެ ތެރެއިން ރާއްޖޭގައި އެބަޔަކާ ބެހޭ ތަފުސީލުތައް ރެކޯޑް ކުރެވިފައި ނެތް މީހުންނަށް ލިޔެކިއުން [މަސައްކަތް ކުރުމުގެ ހުއްދައާއި ވިސާ ފަދަ] ދޫކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށް ވެސް މަޝްވަރާ ކުރެވުނެވެ،" ބަޔާނުގައި ވެއެވެ.
ރާއްޖޭން ކުރުމަށް އެއްބަސްވެފައިވާ ކަންކަމުގެ ތެރޭގައި މަސައްކަތްތެރިންގެ ޕާސްޕޯޓް، ވަޒީފާ ދޭމީހުން ނުހިފަހައްޓާނެ ކަން ކަށަވަރު ކުރުމަށް [އެކަމަކީ މަނާކަމެއްކަން ބަޔާންކޮށް] އަލުން އިއުލާނެއް ކުރުން ހިމެނެއެވެ. އަދި އެފަދަ ކަންތައްތައް ކުރާ ނަމަ ލިބޭނެ އަދަބާ މެދު މީހުން ހޭލުންތެރި ކުރުވުމަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ގިނަ ބައެއްގެ ޕާސްޕޯޓް އެމީހުންނަށް ވަޒީފާ ދިން މީހުން ހިފަހައްޓާފައިވާކަން ހައިކޮމިޝަންގެ ވަފުދުން ފާހަގަކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.