09 Apr 2015, 13:20
މާލެ-ހުޅުމާލެ ބްރިޖުގެ ޑިޒައިންނަށް މިހާރު ފަށާފައިވާ ސާވޭތަކުގެ ބޭނުމަށް ހުޅުލޭ ދެކުނު ފަރާތުން 200 މީޓަރު ސަރަހައްދެއް ބަންދު ކުރެވިފައިވާކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ރާޅުބާނިތަކުގެ މައުލޫމާތު ހޯދުމަށް ހަރުކުރަންޖެހޭ ވޭވްޖޭގްތައް ކަނޑު އަޑީގައި ހަރުކޮށްފައިވާ ކަމަށެވެ. އެ ވޭވްގޭޖްގެ މަސައްކަތް ކުރުމަށް އެސަރަހައްދު ބަންދުކުރެވިފައިވާއިރު އެސަރަހައްދުން ވަކިވާނެ ގޮތަށް ބޮއިތަކެއް ބަހައްޓާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ވޭޖްގޭޖް ކަންތަކުގައި ހުޅުލޭ ދެކުނު ފަރާތުން ކަނޑުއަޑީ ސަރަހައްދުގައި މިހާރު ކުރެވުނު ވޭވްގޭޖް ޑޭޓާ ކަލެކްޝަން މަސައްކަތައް ހުޅުލޭ ދެކުނުކޮޅުން ފެށިގެން 200 މީޓަރުގެ ސަރަހައްދެއް މިހާރުވާނީ ސެކިއުރިޓީއަށްޓަކައި ބަންދުކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ވަސީލަތްތައް މެދުވެރިކޮށް އިއްޔެއިން ފެށިގެން ވޭވް ޑޭޓާ ކަލެކްޝަންގެ މަސައްކަތް ފެށިފައިވާއިރު ދެ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކަނޑުގެ އޮއިވަރު ދެނެގަތުމަށާއި ރާޅުބާނިތަކާއި ކަނޑުއަޑީގެ މައުލޫމާތުތައް ހޯދުމަށް އާލާތްތައް ހަރުކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އެގޮތުން އެ ސަރަހައްދުގެ އޮއިވަރު ދެނެގަތުމަށްޓަކައި ޓައިޑްގޭޖްތަކެއް ބަހައްޓައި 36 ގަޑިއިރު ވަންދެން ޑޭޓާ ކަލެޓްކޮށްފައި ވާ ކަމަށެވެ. އެތަކެތި ހަރުކޮށްފައި ވަނީ މާލެއާއި ހުޅުމާލޭގައި ވެސް ކޯސްޓްގާޑް އުޅަނދުތައް ބަހައްޓާފައި ހުންނަ ސަރަހައްދުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު މިއަދު އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ
އަޑިގަނޑާއި އުސްގަނޑުތައް ބެލުމަށް ހަދާ ސާވޭއެއްކަމަށްވާ "ޓޮޕޯގުރެފިކް" ސާވޭގެ މަސައްކަތްތައް ކުރުމަށްޓަކައި ހުޅުޅޭ ދެކުނު ކޮޅާއި އެސަރަހައްދުގެ ރަންވޭ ކުރަހަން ފަށާފައިވާއިރު ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އަދި އެސަރަހައްދުގެ ކަނޑުއަޑީގެ ޑޭޓާ ކަލެއްކްޝަން މަސައްކަތް މިހާރު ކުރިއަށްދާއިރު 10 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސަން"އިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ބްރިޖު ޑިޒައިންކުރުމަށް ދިރާސާތައް މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކުރިއަށްދާއިރު ވަކިވަކި ހުރިހާ ދިރާސާއެއްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
"މިމަސައްކަތްތައް މިހާރު ވަރަށް ބާރު މިނުގައި ކުރިއަށް މި ގެންދެވެނީ އާންމުކޮށް މިކަހަލަ މަސައްކަތަކަށް ކަންތައްތައްކުރެވޭވަރަށްވުރެ ހަލުވި މިނުގައި މިކަން މިކުރިއަށް ގެންދަވަނީ ޗައިނާގެ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނާއި ގުޅިގެން،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
މާލެ އާއި ހުޅުމާލެ ގުޅުވާލަ ދޭ ބުރިޖުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.