09 Apr 2015, 12:35
ވިޔަފާރި އުސޫލުން ދަނޑުވެރިކަންކޮށް އޭގެ މަންފާ ލިބިގަންނާނެ ގޮތްތަކާ ބެހޭ ތަމްރީނު ޕްރޮގްރާމެއް ޅ. ފެލިވަރުގައި ފަށައިފި އެވެ.
ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދީ އުފައްދާ ބާވަތްތަކުން ދަނޑުވެރިޔާއަށް ހައްގު އަގު ލިއްބައިދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލް ކުރުމުގެ ގޮތުން ނައިފަރުގައި މިމަހުގެ އެއްވަނަ ދުވަހު ފެށި އެ ޕްރޮގްރާމު ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށް ދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ފެލިވަރުގައި ފެށިގެން ކުރިއަށްދާ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން -- ސަންފޮޓޯ --
ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާނެ ގޮތާއި، ގޯތި ތެރޭގައި ކުދި ބިންކޮޅުގައި ކުރެވިދާނެ ދަނޑުވެރިކަމުގެ މަސައްކަތާއި، ހައިޑްރޮޕޯނިކްސް ފަދަ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކޮށް އެއިން ނަފާ ހޯދޭނެ ގޮތާ ބެހޭ ގޮތުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ކަމާގުޅޭ ތަޖުރިބާކާރުން ތަމްރީނު ދެއްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފެލިވަރުގައި ފެށިގެން ކުރިއަށްދާ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން -- ސަންފޮޓޯ --
ޖުމްލަ އަށް ރަށަކުން 27 ބައިވެރިއަކު ބައިވެރިވި އެ ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދަނީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އާއި މިފްކޯ ގުޅިގެންނެވެ.
ފިޝަރީޒް މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ދަނޑުވެރިން ތަމްރީނު ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަމްރީނު ޕްރޮގްރާމުތަށް ކުރިއަށް ގެންގޮސްފަ އެވެ.