09 Apr 2015, 12:26
އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ލިވާޕޫލް އާއި ބްލެކްބާން ބައްދަލުކުރި މެޗު 1-0 ގެ ހަނި ނަތީޖާއަކުން ކާމިޔާބުކޮށް، ލިވާޕޫލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ބްލެކްބާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި، ލިވާޕޫލަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 20 މިނެޓަށް ވެފައި ވަނިކޮނެވެ. އެ ލަނޑު ލިވާޕޫލަށް ކާމިޔާބު ކޮށްދިނީ ޖޯޑަން ހެންޑާސަން ދިން ޕާހަކުން އެ ޓީމްގެ ބްރެޒިލް މިޑްފީލްޑަރު ކޫޓީނިއޯ އެވެ.
މެޗު ފެށިތާ ކުރީކޮޅު ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހަމަލާ ހަތަރުވަނަ މިނެޓުގައި ލިވާޕޫލް އުފެއްދިއިރު، އެ ހަމަލާގައި ލިވާޕޫލްގެ އެލެން ކުރިއަށް ފޮނުވާލި ބޯޅަ ވަނީ ގޯލަށް އަމާޒުވާގޮތް ނުވެފައެވެ.

ރޭގެ މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެން ދިޔައީ 19 ވަނަ މިނެޓުގައި ލިވާޕޫލްގެ ސްޓަރިޖްގެ ފަރާތުންނެވެ. ނަމަވެސް އޭނާ ކުރިއަށް ފޮނުވާލި ބާރު ޝޮޓު ބްލެކްބާން ގޯލުގެ ހުރަސް ދަނޑި މަތިން ގޮސްފައި ވާއިރު، ހާފްގެ ފަހުކޮޅު ކޫޓީނިއޯ އުފައްދަން މަސައްކަތްކުރި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ބްލެކްބާންގެ ކީޕަރު އީސްޓްވުޑް އެވެ.
ފުރަތަމަ ހާފްގައި ލިވާޕޫލް ނުރައްކާތެރިކޮށް ފެނުނު ނަމަވެސް، ދެވަނަ ހާފް ބްލެކްބާން ފެށީ ނުރައްކާތެރި ދެ ހަމަލާއަކާ އެކު އެވެ. އެ ހާފްގެ ދެވަނަ މިނެޓުގައި ބްލެކްބާންގެ ޓޮމް ކެއާނީ ފޮނުވާލި ބާރު ޝޮޓު ލިވާޕޫލްގެ ކީޕަރު މިގްނޮލެޓް ދިފާއު ކުރިއިރު، އޭގެ މިނެޓެއް ފަހުން ބެން މާޝަލް ބޮލުން ކުރިއަށް ފޮނުވާލި ބޯޅަވެސް ހުނަރުވެރިކަމާއެކު ދިފާއު ކުރީ މިގްނޮލެޓް އެވެ.
ހާފްގެ މެދުތެރެއިން ބްލެކްބާންގެ ރުޑީ ގެސްޓޭޑް ކުޅެން އެރުމާ އެކު އޭނާވެސް ހަމަލާއެއް އުފައްދަން މަސައްކަތްކޮށްފައި ވާނަމަވެސް، އެ ހަމަލާ ލިވާޕޫލްގެ ޑިފެންޑަރު ޓޫރޭ ވަނީ ދިފާއު ކޮށްފައެވެ. ހާފްގެ ފަހުކޮޅު ލީޑު ނެގުމަށް ފަހު މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައި ވަނީ ލިވާޕޫލް އެވެ.

ރޭގެ މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ލީޑު ލިބުނުތާ ހަ މިނެޓުތެރޭ ލިވާޕޫލްގެ ސްޓަރިޖްއަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭ ބްލެކްބާނަށް ލިބުނު ކޯނަރެއްގައި، އެ ޓީމްގެ ކީޕަރު އީސްޓްވުޑް ކުރިއަށް އަރާ ފޮނުވާލި ހަމަލާ ދިފާއުކުރީ މިގްނޮލެޓް އެވެ.
އީސްޓްވުޑްގެ ހަމަލާއާއެކު މެޗު ނިމިގެން ގޮސްފައި ވާއިރު، ލިވަރޕޫލް ވަނީ މި ސީޒަންގެ އެފްއޭ ކަޕް ކާމިޔާބު ކުރުމާ އެއް ފިޔަވަޅު ގާތަށް ޖެހިލާފައެވެ. ޕްރިމިއާ ލީގުގައި އެންމެ ފަހުން އެ ޓީމް ކުޅުނު ދެ މެޗުންވެސް ބަލިވެ، ލިވާޕޫލް މިހާރު ތާވަލްގެ ފަސްވަނައަށް ވެއްޓިފައި ވާއިރު، އެ ޓީމަށް ވަނީ އަންނަ ސީޒަންގެ ޗެންޕިއަންސް ލީގަށް ކޮލިފައި ވުމަށްވެސް އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.