ކާކުކަން ނޭގޭ ވަރަށް ކުނިވެ ހަލާކުވެފައި އޮއްވައި ފަޅުރަށަކުން ފެނުނު މީހަކީ ކާކުތޯ ބެލުމަށްޓަކައި ތަހުލީލު ކުރަން މާލެ ގެނެސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ހެނދުނު ޅ. ދިއްފުށިމާދޫ ހުޅަނގު ފަރާތަށް ލައްގާފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު އިއްޔެ ހަވީރު މާލެ ގެނެސް، ގަލޮޅު ސަހަރާގައި ހުންނަ ގަބުރު ރައްކާކުރާ ކޮށާރު، މޯޗަރީގައި ބާއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހަށިގަނޑު މާލެ ގެނައީ އެއީ ކާކުތޯ ބެލުމަށްޓަކައި އިތުރު ތަހުލީލުތައް ކުރުމަށް ކަމަށް ކަމަށާއި ތަހުލީލުތައް ނިންމާފައި ނޫނީ އެ މީހާ ވަޅުނުލާނެ ކަމަށެވެ.
"އޭނާގެ ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަށް ހަލާކުވެފައި. އެ ހަށިގަނޑު އިއްޔެ މާލެ ގެނެސް ތަހުލީލުތައް ފަށައި ނިންމުމަށްފަހުގައި ނޫނީ އޭނާ ވަޅެއް ނުލާނަން."

ފުލުހުންގެ އިއްޔެ ބުނެފައި ވަނީ ދިއްފުށިމާދޫން ފެނުނު ހަށިގަނޑަކީ ފިރިހެނެއްގެ ހަށިގަނޑު ކަމަށާއި ނަމަވެސް އެމީހާ މަރުވެފައިވާތާ ކިހާ ދުވަހެއް ވެފައިވާ ކަން އަދި ނޭނގޭ ކަމަށެވެ.

ދިއްފުށިމާދޫން އިއްޔެ ފެނުނު ހަށިގަނޑަކީ މިދިޔަ ޑިސެމްބަރު މަހު ޅ. ނައިފަރުން ގެއްލުނު އަލީ ހުސައިންފުޅު، 76، (އަލިފުޅުބެ) އަށް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެ އެވެ.