ލ. ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އާލް ސާނީ ސްކޫލްގައި އިއްޔެ ޓެސްޓެއް ހަދަން އިން ކުއްޖަކު މަރުވެއްޖެ އެވެ.

ހަމަދު ސުކޫލުގެ އޮފިޝަލަކު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ ޓެސްޓު ހަދަން އިންދާ މަރުވި ކުއްޖަކީ ގުރޭޑު އަށެއްގައި ތައުލީމު ހާސިލު ކުރަމުންދާ ހަސަން ނީޝަމް، 14 ކަމަށެވެ. އަދި އޭނާ މަރުވީ ހަމަ ކުއްލި އަކަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެނަށް ވެސް ދެން ހަމަ ކުއްލި ސިހުމެއް ދެއްތޯ ލިބޭނީ. އެއްގޮތަކަށް ވެސް އެ ދަރިވަރު [ނީޝަމް] ބަލިވެ އުޅޭ ކަމެއް ވެސް އެނގިފައިއެއް ނެތް. އިއްޔެ ވެސް ހަމަ ނޯމަލް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ. އެހެންނަމަވެސް އެއްގޮތަކަށް ވެސް ނޭނގެ ކީއްވެގެން ކަމެއް އެހެން ވީކީއެއް. ޑޮކްޓަރު ރިޕޯޓެއް އަޅުގަނޑުމެންނަކަށް ނުލިބޭ. ޕޭރެންޓުންނަށް ދެއްތޯ އެ ލިބޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

ނީޝަމް މަރުވިއިރު އޭނާ ވަނީ އިކޮނޮމިކް ޓެސްޓު ހަދަން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ނީޝަމް އޮތީ ބޯ އަޅައިގެން. ބޯ އަޅައިގެން އޮށްވާ ޓީޗަރު ގޮސް އަހާލި ކަމަށްވޭ ނީޝަމް ކިހިނެއްހޭވީ. ދެން ޓީޗަރުން އަތްމަށްޗަށް ނީޝަމް ވެއްޓުނީ. އޭރު ނީޝަމް ވަނީ ޓެސްޓު ހަދާ ނިންމާފައި،" އޮފިޝަލް ވިދާޅުވި އެވެ.