ސައުތު އޭޝިއާ ސަރަޙައްދުގެ ސިއްހަތާބެހޭ ވަޒީރުންގެ ފަސް ވަނަ ބައްދަލުވުން އިންޑިއާގެ ނިއުދިއްލީގައި މިއަދު ފަށައިފި އެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ސިއްހަތާބެހޭ ވަޒީރު އަހްމަދު ޒުހޫރު އާއި ހެލްތު މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖޭގެ އިތުރުން މިބައްދަލުވުމުގައި އިންޑިއާ، ޕާކިސްތާން، ސްރީލަންކާ، އަފްގާނިސްތާން، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާންގެ ޞިއްޙަތާބެހޭ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

މިއަހަރުގެ ބައްދަލުވުން ބޭއްވެނީ އިންޑިއާގައި ކަމުގައިވާތީ ބައްދަލުވުމުގެ ޗެއަރމަންގެ ގޮތުގައި އިންޑިއާގެ ސިއްހަތާބެހޭ ވަޒީރު ސްރީ ޖޭޕީ ނައްޑާ ވަނީ ހޮވިވަޑައިގެންފައެވެ.

މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ މިސަރަޙައްދުގެ ގައުމުތަކުގެ ސިއްހީ މައްސަލަތައް ހައްލުކުރުމަށް ސަރަޙައްދީ އަދި ގައުމީ ފެންވަރެއްގައި ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންނެވެ.

އަދި ސިއްހީ މައްސަލަތައް ހައްލުކުރުމަށް ދޭދޭ ގައުމުތަކުގެ އެހީތެރިކަން ހޯދުމާއިގުޅޭގޮތުންވެސް މަޝްވަރާތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މިބައްދަލުވުމުގައި އިންޑިއާގެ ފަރާތުން ޑެކްލަރޭޝަން އެއްވަނީ ހުށަހަޅާފައެވެ. "ޑެކްލަރޭޝަން އޮން ޕަބްލިކް ހެލްތް ޗެލެންޖަސް" ގެ ނަމުގައި ހުށަހެޅިފައިވާ މި ޑެކްލަރޭޝަންއަށް ފުޅާދާއިރާއެއްގައި މިބައްދަލުވުމުގައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މިބައްދަލުވުންތަކުގެ ތެރެއިން ރާއްޖޭގެ ސިއްހީދާއިރާ ކުރިއެރުވުމަށް ސަރަޙައްދުގެ ގައުމު ތަކުގެ އެހީތެރިކަން ހޯދުމަށް ވަކިވަކި ގައުމުތަކުގެ ސިއްހަތާބެހޭ ވަޒީރުންނާއި ރާއްޖޭގެ ސިއްހަތާބެހޭ ވަޒީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އިއްޔެވަނީ ޕާކިސްތާނުގެ ސިއްހަތާބެހޭ ވަޒީރާއި ބައްދަލުކުރައްވާފައެވެ. އަދި މިއަދު ސްރީލަންކާ އަދި އިންޑިއާގެ ސިހަތާބެހޭ ވަޒީރުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސިއްހަތާބެހޭ ވަޒީރުންގެ ހަތަރު ވަނަ ބައްދަލުވުން ބާއްވާފައިވަނީ 2012 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ. 2012 ވަނަ އަހަރު އޭޕްރީލްމަހުގެ 10-11 އަށް ބޭއްވުނު މި ބައްދަލުވުމުގައި އަފްޣާނިސްތާން ފިޔަވައި ސާކްގެ ހުރިހާ މެމްބަރު ގައުމުތަކުގެ ސިއްހަތާބެހޭ އެންމެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.