މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެސޯސިއޭޝަން އޯޕަން 9 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލަށް އަހުމަދު ޝަރީފް ހުސެއިން އާއި އަހުސަން ހާޝިމް ދަތުރު ކޮށްފި އެވެ.

ޝަރީފް އެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ރޭ ކުޅުނު ކުއާޓަރ ފައިނަލް މެޗުތައް ކާމިޔާބުކޮށް، ސެމީ ފައިނަލްގައި މޫސާ ސާމިއުއާ ވާދަކޮށް މެޗު ކާމިޔާބު ކޮށްގެނެވެ. ސެމީފައިނަލް މެޗު ޝަރީފް ކާމިޔާބު ކުރީ 5-8 ފްރޭމުންނެވެ.

ހާޝިމް ވެސް ވަނީ ރޭ ކުޅުނު މުބާރާތުގެ ކުއާޓާ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ސެމީގައި ހާޝިމްއާ ދެކޮޅަށް ވަދަކުރީ އަހުމަދު ސޯލިހު އެވެ. އެ މެޗު ހާޝިމް ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު 8-2 ފްރޭމުންނެވެ.

އެސޯސިއޭޝަން އޯޕަން 9 ބޯލް ބިލިއާޑް މުބާރާތް އެމްޕީބީއޭއިން ކުރިއަށް ގެންދަނީ ރޭންކް ނުކުރާ މުބާރާތެއްގެ ގޮތުގައެވެ. އެ މުބާރާތުގެ ގަދަ 16އިން މިހާރު އެމްޕީބީއޭ ރޭންކިންގެ އެއްވަނައިގައި އޮތް މުހައްމަދު ޝަރީފް ކަޓާފައި ވާއިރު، އޭނާ ވަނީ މިދިޔަ މަހު ރޭންކިންގް މުބާރާތެއްގެ ގޮތުގައި ބޭއްވި ގައުމީ 8 ބޯލް މުބާރާތުގެ ފައިނަލްގައި އެމްޕީބީއޭ ރޭންކިންގެ ދެ ވަނައިގައި އޮތް ހުސެއިން ފަޔާޒްއާ ވާދަކޮށް ބަލިވެފައެވެ.

އެސޯސިއޭޝަން އޯޕަން 9 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި ޝަރީފް މިވަގުތު އޮތީ 431 ޕޮއިންޓާއެކު އެމްޕީބީއޭ ރޭންކިންގެ ނުވަ ވަނައިގަ އެވެ. އަދި ފައިނަލްގެ ދެވަނަ ޖާގަ ހޯދި ހާޝިމް މިހާރު އޮތީ 517 ޕޮއިންޓާއެކު އެމްޕީބީއޭ ރޭންކިންގެ ފަސްވަނައިގަ އެވެ.

އެ މުބާރާތުގެ ފައިނަލް ކުޅެން ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި އެމްޕީބީއޭ ކްލަބް ހައުސްގަ އެވެ. މިމަހުގެ އެކެއްގައި ފެށި އޯޕަން 9 ބޯލް މުބާރާތުގައި މުޅިއަކު 37 ކުޅުންތެރިން ވާދަކޮށްފައެވެ. އެ މުބާރާތުގެ އެއްވަނައަށް ދާ ފަރާތަށް ވާދައިގެ ތައްޓާއެކު 3000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައި ވާއިރު، ދެވަނައަށް ދާ ފަރާތަށް ވަނީ 1500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފަ އެވެ.