ނިއުދިއްލީ (އެޕްރީލް 9) :ފަރަންސޭސިވިލާތުގައި އުފައްދާ ރަފާލް މަރުކާގެ ފައިޓާޖެޓްގެ 126 މަތިންދާބޯޓު ގަތުމަށް އިންޑިއާ އަދިވެސް ޝައުގުވެރިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ފަރަންސޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފެއްޓެވުމުގެ ކުރިން ފަރަންސޭސި ނޫހެއްކަމަށްވާ "ލޮފިގަރޯ" އަށް ދެއްވި ބަސްދީގަތުމެއްގައި މޯދީ ވިދާޅުވީ ރަފާލް މަރުކާގެ ފައިޓާޖެޓް ގަތުމުގެ ޝައުގުވެރިކަން އޭނާގެ ސަރުކާރުން ގެންގުޅޭ ކަމަށާއި ނަމަވެސް އެ ޝިޕްމަންޓް ގަތުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އެކަމާބެހޭ ވާހަކަތަކަށް ކުރިއެރުން ލިބިގެންނެވެ.

އެވާހަކަތައް ކޮޅެއްގައި ނުޖެހި ހުއްޓިފައި ވަނީ އެބޯޓުތައް ގަތުމުގައި އިންޑިޔާ އާއި ފަރަންސޭސިވިލާތުގެ ޚިޔާލު ތަފާތުވެގެންނެވެ.

އިންޑިއާއިން ރަފާލް މަރުކާގެ ފައިޓަރޖެޓް ގަތުމަށް އެޅިފައިވާ ހުރަސްތަކުގެ ތެރޭގައި އެބޯޓުތަކުގެ އަގު ބޮޑުވުން ހިމެނެއެވެ. މީގެއިތުރުން ރަފާލް މަރުކާގެ ބޯޓުގެ ބައިތައް އުފައްދައި އެސެމްބްލްކުރާ ފެކްޓަރީތަކެއް އިންޑިޔާގައި ގާއިމްކޮށް އެފެކްޓްރީ ތަކުގައި މަސައްކަތްކުރާނެ އިންޑިޔާގެ އިންޖިނޭރުންނާއި ފަންނީ މީހުން ތަމްރީންކޮށްދިނުންވެސް އެ ބޯޓުތައް ގަތުމަށް އިންޑިޔާ ހުށަހަޅާ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ފަރަންސޭސިވިލާތުން އަދި ވަނީ އިންޑިޔާގެ މިއެދުންތަކަށް އިޖާބަ ދިނުމަށް ފަސްޖެހިފަ އެވެ. (ރޮއިޓާސް)