ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމުގެ ގޮތުން މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ)ގެ ފަރާތުން މާދަމާ ރޭ މިއުޒިކް ޝޯއެއް ބާއްވަން ހަމަޖައްސައިފިއެވެ.

ދަރުބާރުގޭގައި މިރޭ ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމެއްގައި އެމްއެމްއޭސީގެ ޑިރެކްޓަރު އަލީ އަބްދުލް ކަރީމް ވިދާޅުވީ، ފުރަތަމަ ފަހަރަށް އެ ފަދަ ޝޯއެއް ބޭއްވުމަށް ނިންމާފައި ވަނީ، އެފަދަ ހަރަކާތެއް ބޭއްވުމަށް ލަންކާގެ ގިނަ ފަރާތްތަކުން އެދިފައިވާތީ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ފުރަތަމަ ފަހަރަށް މިފަދަ ޝޯއެއް ސްރީ ލަންކާއާ ގުޅިގެން ބާއްވާ ފަހަރު. އިންޑިއަން ވަރަށް ބައިވަރު އިވެންޓްސް ތައް ރާއްޖޭގައި ބޭއްވޭ. އެކަމު ރާއްޖޭގައި އެންމެ ދުވަސް ވީ، މި އުޅެނީ ލަންކާ މީހުން. ވަރަށް ގިނަ ލަންކާ މީހުން މިފަދަ ހަރަކާތެއް ބޭއްވުމަށް ވަނީ އެދިފައި،" އޭނާ ވިދާޅުވިއެވެ.

މާދަމާ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ މިއުޒިކް ޝޯގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ކުޑަ އިއްބެއާއި އައްމަޑޭ އަދި ޝިފާ ތައުފީގް ބައިވެރިވާނެއެވެ.

ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިންނާއި އެގައުމުގެ މަޝްހޫރު މިއުޒިކް ބޭންޑް "ބޯއި ޒޯން" އެ ޝޯގައި ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން (އެމްއެމްއޭސީ)އިން އެ ޝޯގައި ހާއްސަ ހަތަރު ހަރަކާތެއް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ އަބްދުލް ކަރީމް ވިދާޅުވީ އެ ޝޯގެ ޓިކެޓެއްގެ އަގަކީ 200 ރުފިޔާ ކަމަށެވެ. އެމްއެމްއޭސީ އާއި ކެފޭ އޭޝިއާނާ އަދި ބައެއް ހޮޓެލްތަކާއި ސެލޫން ތަކުން ޝޯގެ ޓިކެޓު ވިއްކަން ހުންނާނެ ކަމަށާއި އޭގެ 50 އިންސައްތަ ޓިކެޓު ވަނީ ލަންކާ މީހުން ގަނެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާދަމާ ރޭގެ ޝޯ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:00ގައެވެ.