09 Apr 2015, 00:07
" ދަ މެސެޖް"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ހިންގަމުން އަންނަ ސިލްސިލާ ޕްރޮގްރާމްގައި ތަގުރީރު ކުރެއްވުމަށް، މެލޭޝިއާގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ އައްޝައިޚު ޙުސައިން ޔީ މިރޭ ރާއްޖެއަށް ވަޑައިގެންފިއެވެ.
އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޝައިޚަށް މަރުހަބާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޢަލީއާއި ޑެޕިއުޓީ މިނިސްޓަރު ޑރ. އާއިޝަތު މުނީޒާއާއި އެ މިނިސްޓްރީގެ އެހެން ބައެއް އިސްބޭފުޅުންނެވެ.
ޝައިޚު ޙުސައިން ޔީ އަންނަ ހުކުރުދުވަހުގެ ރޭ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭނާ ތަގުރީރު ކުރައްވާނީ " ކާމިބާޔު ޒުވާނެއް އަދި މީހަކަށް ވާނެ ގޮތް" މި މައުލޫއަށެވެ.
ޝައިޚު ހުސައިންޔީ އަކީ މެލޭޝިއާގެ ބުދުދީނުގެ އާއިލާއަކަށް އުފަންވެ ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އިސްލާމް ވެވަޑައިގެންނެވީ އުމުރުފުޅުން 18 އަހަރުގައެވެ. އެއަށް ފަހު ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވަސިޓީ އިން އުގެނިވަޑައިގެންނެވިއެވެ. ކިޔަވާ ވިދާޅުވީ ޙަދީސް އިލްމުގެ ދާއިރާއިންނެވެ. ވިހި ވަނަ ގަރުނުގެ އެންމެ ބޮޑު އެއް އާލިމު ކަމުގައި ބެލެވޭ މުޙައްމަދު ނާސިރުއްދީން އަލް އަލްބާނީ އާއި ސައުދީ އަރަބިއްޔާގެ ކުރީގެ މުފްތީ ޢަބުދުލް ޢަޒީޒް ބިން ބާޒް އަށް އޭނާ ދަރިވަރުވެވަޑައިގެންނެވިއެވެ.