22 Feb 2011, 12:20
މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 17.8 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައި 79459 ޓޫރިސްޓުންނަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައި 67478 މީހުންނަށް ވުރެ 11،981 މީހުން ނޫނީ، 17.8 ޕަސެންޓް އިތުރު އަދަދެކެވެ.
މި އަހަރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެއީ ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ 68.7 ޕަސެންޓެވެ. ރާއްޖެ އަށް ދެން އެންމެ ގިނަ އިން ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އޭޝިޔާގެ ގައުމުތަކުންނެވެ. އެއީ މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ 27.8 ޕަސެންޓެވެ.
ރިޒޯޓްތަކާއި ހޮޓާ ގެސްޓްހައުސް އަދި ސަފާރީ އުޅަނދުތަކުގައި އެނދު ބޭނުންކޮށްފައިވާ އަދަދު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާ އިރު އިތުރު ވެފަ އެވެ. އެގޮތުން ރިޒޯޓްތަކުގެ 90.5 ޕަސެންޓް އެނދު ވަނީ ބޭނުންކޮށްފަ އެވެ. އަދި ގެސްޓްހައުސްތަކުގެ 17.2 ޕަސެންޓް އެނދު ބޭނުންކޮށްފައިވާ އިރު ހޮޓާތަކުގެ 45.1 ޕަސެންޓް އެނދު ވަނީ ބޭނުންކޮށްފަ އެވެ. އަދި ސަފާރީ އުޅަނދުތަކުގެ 28.2 ޕަސެންޓް އެނދު ވެސް ވަނީ ބޭނުންކޮށްފަ އެވެ.
ނަމަވެސް ޖެނުއަރީ މަހު ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ދުވަހުގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 0.5 ޕަސެންޓް ދަށްވެފަ އެވެ.