09 Apr 2015, 00:35
ސައުދީ އަރަބިއްޔާގެ މިނާއާއި އަރަފާތު އަދި މުޒްދަލިފާ ގުޅާލުމަށް ގާއިމްކުރާ މެޓްރޯ ސިސްޓަމްގައި މަސައްކަތްކުރާ ޗައިނާގެ 600 މީހުން އިސްލާމް ވެއްޖެއެވެ.
ސައުދީގެ ނޫހެއް ކަމަށްވާ ސަބާގް ނޫހާއި ހަވާލާދީ އިސްލާމްދީނުގެ ހަބަރާއި މައުލޫމާތު ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ އޮންއިސްލާމްގައި އިއްޔެ ބުނެފައިވަނީ އެމީހުން އިސްލާމް ވެފައިވަނީ މައްކާގައި ކަމަށެވެ.
އެމީހުން އިސްލާމް ވެފައިވަނީ އިސްލާމްދީނަށް ގޮވާލަމުން އަންނަ ތަނީމް ދައުވާގެ އިލްމުވެރިންތަކެއް، އިސްލާމްދީނުގެ އުސޫލްތަކާއި ރުކުންތައް އެމީހުންނަށް ކިޔައިދިނުމަށް ހިންގި ޕްރޮގްރާމެއްގެ ސަބަބުންނެވެ.
އެ ޕްރޮގްރާމުގެ ދަށުން އިސްލާމްދީނުގެ އެކި ކަންތައްތަކާ ގުޅޭގޮތުން ކުރު ކޯސްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އިސްލާމްދީން އުނގަންނައިދޭން ބޭނުންވާ ކަންތައްތައް ޗައިނާ ބަހުން ލިޔެ ލުއި ފޮތްތަކެއް ވެސް ބަހާފައިވެއެވެ.
އެ ޕްރޮގްރާމުގައި އިލްމުވެރިންނަށް އެހީތެރިވެ ހިތްވަރު ދިނުމަށް، އިސްލާމްދީން ގަބޫލުކުރި ބައެއް ޗައިނާ މީހުން ވެސް ބައިވެރިވިއެވެ.
އޮންއިސްލާމުގައި ބުނެފައިވާގޮތުން، އެ ޕްރޮގްރާމު ފެށުމުގެ ކުރިން ޗައިނާގެ އިންޖިނިއަރުންނާއި ޓީމުތަކުގެ ލީޑަރުންނާ ބައްދަލުކޮށް ދައުވަތުދީ، އެތައް މަސްތަކެއްގެ މަޝްވަރާތަކެއް އިލްމުވެރިން ކޮށްފައިވެއެވެ.
ޗައިނާގެ ގިނަ އަދަދެއްގެ މީހުން އިސްލާމްދީން ގަބޫލުކޮށްފައިވާއިރު، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަވަހާރަވި ސައުދީ އަރަބިއްޔާގެ ކުރީގެ ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް، އަވަހާރަވުމުން، ދުނިޔެދޫކުރާ އެހެން މީހުންނެކޭ އެއްގޮތަށް އާދަކާދައިގެ މަތިން ވަރަށް އާދައިގެ ގޮތަކަށް ފަސްދާނުލުން ފެނި ޗައިނާގެ 500 މީހުން ވަނީ އިސްލާމްވެފައެވެ.